ޚަބަރު

އޮކްޓޯބަރުމަހު 20 "ޤައުމީ ތަފާސްހިސާބުގެ ދުވަހު"ގެ ގޮތުގައި ކަނޑައަޅައިފި


މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހަކީ، ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޤައުމީ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެއްވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިޢާޔަތް ކުރައްވައެވެ.

ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް، 20 އޮކްޓޫބަރަކީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރަމުންގެންދާ ދުވަހެކެވެ. މިކަމާއި ގުޅޭ ކަރުދާސް ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވީ މިނިސްޓްރީ ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. މިގޮތަށް ވަކި ދުވަހެއް ފާހަގަކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގައި ތަފާސްހިސާބުގެ ދާއިރާ އިތުރަށް ކުރިއަރުވާ ތަރައްޤީކޮށް، ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކައެވެ. އަދި ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް މަގުފަހިކުރުމަށެވެ.

މިދުވަހާއި ގުޅޭގޮތުން އ.ދ ގެ ސެކްރެޓަރީ ޖެނެރަލްވަނީ ޤައުމުތަކުގެ ސަރުކާރާއި، ދައުލަތުގެ ރަސްމީ ތަފާސްހިސާބު ބަލަހައްޓާ ހުރިހާ މުވައްސަސާތަކާއި، ބައިނަލް އަޤްވާމީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކާއި، މީޑިޔާ، ރިސާޗަރުން ވެސް ބައިވެރިވެ، އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ތަފާސްހިސާބުގެ ބޭނުންހިފުމަށް ބާރުއެޅުމަށް ޤައުމުތަކުގެ އިސްވެރިންނަށް ގޮވާލައްފާއެވެ.