ޚަބަރު

ޤާނޫނުހަދާ މަޖިލީހުގެ ތާޢީދު އޮތްކަމުގެ ހެކި ހުށަހަޅައިފިން: އަންވަރު އިބްރާހިމް


އައު ސަރުކާރު އުފެއްދުމަށް ޤާނޫނުހަދާ މަޖިލީހުގެ ތާޢީދު އޮތްކަމުގެ ޔަޤީންކަން އެރުވުމަށް މެލޭޝިޔާގެ އިދިކޮޅު ސިޔާސީ ލީޑަރު، އަންވަރު އިބްރާހިމް އެ ޤައުމުގެ ރަސްގެފާނާ ބައްދަލުކުރައްވައިފިއެވެ.

އެއް ގަޑިއިރަށް ދެމިގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުގެ މަޤާމަށް އޭނާ އައްޔަނުކުރުމަށް ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދު އޮތްކަން ޔަޤީންކޮށްދޭ ލިޔެކިޔުންތައް ރަސްގެފާނަށް ޙަވާލުކުރައްވާފައިވާކަމަށެވެ. މިހާރު ކުރިމަތިވެފައިވާ ޙާލަތާގުޅޭގޮތުން އިތުރު މަޝްވަރާތައް ކުރެއްވުމަށް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ވަރަށް އަވަހަށް ރަސްގެފާނު ބައްދަލުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުގައި މިހާރު ހުންނެވި މުޙްޔިއްދީން ޔާސީން މަޤާމުން އިސްތިޢުފާ ދެއްވުމަށްވެސް އަންވަރު ގޮވައިލެއްވިއެވެ.

222 މެންބަރުން ތިބޭ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ 120 މެންބަރުންގެ ތާޢީދު އޮތްކަމަށް އަންވަރުވަނީ ވިދާޅުވެފައެވެ. މިއީ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޭނާއަށް ތާޢީދުކުރާކަމަށް މިދިޔަ މަހުގެ ތެރޭގައި އިޢުލާނުކުރެއްވުމަށްފަހު އޭނާއަށް ތާޢީދުކުރައްވާ މެންބަރުންގެ ޢަދަދު ހާމަކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ބޭފުޅުންގެ ވަނަވަރު އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަންވަރު ވިދާޅުވީ ދެން ކުރިއަށް ދާނެގޮތެއް ނިންމަވާނީ ރަސްގެފާނު އަބްދުﷲ ސުލްޠާން އަޙްމަދު ޝާހުކަމަށެވެ.

މެލޭޝިޔާގެ ރަސްގެފާނަށް ޤާނޫނުހަދާ މަޖިލީހުގައި ނުފޫޒު އަދި ތާޢިދު އޮންނަ ބޭފުޅަކަށް ބޮޑުވަޒީރުގެ މަޤާމު ޙަވާލުކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި ޤާނޫނުހަދާ މަޖިލީސް އުވާލައި އައު އިންތިޚާބެއް ބޭއްވުމަށް އެނގުމުގެ ބާރުވެސް ރަސްގެފާނަށް ލިބިގެން ވެއެވެ. ބޮޑުވަޒީރުގެ މަޤާމަށް އަންވަރު އައްޔަނުކޮށްފިނަމަ އޭނާ ވެގެންދާނީ މި އަހަރުގެ ތެރޭގައި މެލޭޝިޔާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަންނަވާ ތިންވަނަ ބޭފުޅަށެވެ.

އަންވަރު އިބްރާހީމަކީ 1970ގެ އަހަރުތަކުން ފެށިގެން މެލޭޝިޔާގެ ސިޔާސީ މަޝްރަހުގައި ޙަރަކާތްތެރިވަމުންދާ ބޭފުޅެކެވެ. އޭނާވަނީ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދާއެކު ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާ ޤާއުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގެ އިތުރުން މާލީ ވަޒީރުގެ މަޤާމުވެސް ޢަދާކުރައްވާފައެވެ. ނަމަވެސް 1990ގެ އަހަރުތަކުގެ ފަހުކޮޅުގައި ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަތައް އުފެދި އޭނާވަނީ މަޤާމުން ދުރުކޮށްފައެވެ. އެއަށްފަހު ފާއިތުވެފައިވާ 20 އަހަރުގެ ތެރެއިން ބޮޑު ބައެއް އަންވަރު ހޭދަކުރެއްވީ ޖަލުގައެވެ.

އޭގެ ފަހުން 2018ވަނަ އަހަރުގެ އިންތިޚާބަށް އަނެއްކާވެސް އަންވަރުވަނީ މަހާތީރާއެކު މަސައްކަތްކުރައްވާފައެވެ. 2009ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ނަޖީބު ރައްޒާޤުގެ ޔުނިއިޓަޑު މެލޭސް ނެޝަނަލް އޯގަނައިޒޭޝަން، ޔޫއެމްއެންއޯ ބަލިކުރެއްވުމަށްފަހު މަހާތީރުވަނީ އަނެއްކާވެސް ބޮޑިވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގެންފައެވެ. އެ ކާމިޔާބުގެ އެއް މޭސްތިރިއަކީ އަންވަރެވެ. އޭނާވަނީ މަހާތިރާއެކު ވަރުގަދަ ސިޔާސީ އިއްތިޙާދެއް އެކުލަވާލައްވާފައެވެ. އަންވަރު ދެއްވި ތާޢީދުގެ ބަދަލެއްގެ ގޮތުގައި ދަޢުރުގެ މެދުން އޭނާއަށް ބޮޑުވަޒީރުކަން ހަވާލުކުރެއްވުމަށް މަހާތިރު އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެކަން ނުކުރައްވާ މިދިޔަ މާރިޗު މަހު މަހާތިރުވަނީ ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވާފައެވެ. އޭގެ ފަހުން މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތީ މެލޭޝިޔަން ޔުނައިޓަޑު އިންޑިޖެނަސް ޕާޓީގެ ރައީސް މުޙްޔިއްދީން ޔާސީނެވެ.