ކުޅިވަރު

ރަން ފޯ މޯލްވިޑްސްގައި މިހާތަނަށް 1000 އަށްވުރެއް ގިނަ ބައިވެރިން ދުވުން ފުރިހަމަކޮށްފި


އިންޓަރނޭޝަނަލް ވާރޗުއަލް ދުވުން ރަން ފޮރ މޯލްޑިވްސް ގައި މިހާތަނަށް އެއްހާހަށް ވުރެ ގިނަ ބައިވެރިން ދުވުން ފުރިހަމަ ކޮށްފައިވާކަމަށް ޔުނިކްސް ސްޕޯޓްސްއިން ބުނެފިއެވެ.

ދުވުން އިންތިޒާމުކުރާ ޔުނިކްސް ސްޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރ ރޭޝަން ޝަރީފް ޕީއެސްއެމް ސްޕޯޓްސްއަށް މަޢޫލޫމާތު ދެއްވަމުން ވިދާޅުވީ މި ދުވުމުގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ދިރިއުޅޭ ދިވެހިންގެ އިތުރުން ބޭރު މީހުންވެސް ވަރޗުއަލްކޮށް މިދުވުމުގައި ބައިވެރިވާކަމަށް ރޭޝަން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުވެސް މި ދުވުމުގައި ބައިވެރިވާކަމަށް ރޭޝަން ވިދާޅުވިއެވެ. މި ދުވުމުގައި ހަތަރު ކެޓަގަރީއެއް ހިމެނެއެވެ. އެއީ 5.5 ކިލޯމީޓަރު ދުވުން ސިޓީ ލިންކާއި، 16 ކިލޯމީޓަރު ދުވުން އައްޑޫ ލިންކާއި، 21 ކިލޯމީޓަރު ދުވުން ލާމު ލިންކާއި، އަދި 870 ކިލޯ މީޓަރު ދުވުން ރާއްޖެ ލިންކެއެވެ.

މި ދުވުމުގައި 5.5 ކެޓަގަރީއަކީ އެއް ދުވަހުން ނުވަތަ އެއް ފަހަރު ދުވެގެން ފުރިހަމަ ކުރަންޖެހޭ ދުވުމެކެއެވެ. މި ކެޓަގަރީގައި މިހާތަނަށް 511 މީހުން ދުވުން ފުރިހަމަ ކޮށްފައިވެއެވެ. 16 ކިލޯމީޓަރު ކެޓަރަގަރީގެ ދުވުން ތިން ފަހަރު ދުވެގެން ފުރިހަމަ ކުރެވޭނެއެވެ. މިހާތަނަށް މިކެޓަގަރީގެ ދުވުން ސަތޭކަ ތިރީސް މީހުން ވަނީ ފުރިހަމަކޮށްފައެވެ. އެކާވީސް ކިލޯމީޓަރު ދުވުން ހަތަރު ފަހަރު ދުވެގެން ފުރިހަމަކުރެވޭނެއެވެ. މިބައިގައި މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ މީހުން ފުރިހަމަކޮށްފައިވެއެވެ.

މި ދުވުމުގައި ހިމެނޭ ހަތަރު ވަނަ ކެޓަގަރީ 870 ކީލޯމީޓަރަކީ ފަސް މީހުންގެ ގުރޫޕުތަކުން ފުރިހަމަކުރަންޖެހޭ ބައެއްކަމަށާއި، މި ކެޓަގަރީގައި މިހާތަނަށް ދިހަ ޓީމުން ދުވުން ފުރިހަމަކޮށްފައިވާކަމަށް ޔުނިކްސް ސްޕޯޓްސްއިން މަޢުލޫމާތުދެއެވެ. ރަން ފޮރ މޯލްޑިވްސް ދުވުން އިވެންޓް ސެޕްޓެމްބަރު މަހުގެ ހަތާވީސްވަނަ ދުވަހު ފަށާއިފައިވާއިރު މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ދުވުމުގެ ހަރަކާތް ކުރިޔަށްދާނީ ނޮވެމްބަރު މަހުގެ އެގާރައިގެ ނިޔަލަށެވެ.