ކުޅިވަރު

ބޮލީވިއާ ދަނޑުގައި އެޓީމަކީ އެންމެ މޮޅު ޓީމް: ސްކަލޯނީ


ބޮލީވިއާ ދަނޑުގައި އެޓީމަކީ އެންމެ މޮޅަށް ކުޅޭ ޓީމުކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

ވަރލްޑް ކަޕް ކޮލިފައިންގައި މިރޭ ބޮލީވިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން ސްކަލޯނީ ބުނީ މިރޭގެ މެޗަށް ނުކުންނައިރު އާޖެންޓީނާއިން ބޮލީވިއާ މެދު ސަމާލުވާން ޖެހޭނެކަމަށެވެ. ބޮލީވިއާގެ ދަނޑުގައި އެޓީމު ބަލިވީ މަދު މެޗަކުން ކަމަށާއި ހާއްސަކޮށް ބޮލީވިއާގެ ދަނޑަކީ އަބަދުވެސް ކުޅެން އުނދަގޫ ދަނޑެއްކަމަށް ސްކަލޯނީ ބުންޏެވެ.

ބޮލީވިއާ އަދި އާޖެންޓީނާ ބައްދަލުކުރާ މެޗު ކުޅެނީ ކަނޑުގެ ލޮނުގަނޑަށްވުރެ 11940 ފޫޓް މަތީގައެވެ. އާޖެންޓީނާއިން ސަމާލު ނުވެއްޖެނަމަ މެޗުގައި ބޮލީވިއާއިން މެޗުގެ ކޮންޓްރޯލް ނަގާފާނެކަމަށްވެސް އާޖެންޓީނާގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ މެޗުގައި އޮތް އެޑްވާންޓޭޖަކީ އާޖެންޓީނާގެ އެޓޭކް ކަމަށާއި އެ އެޑުވާންޓޭޖު ބޭނުން ފުރިހަމަ ގޮތުގައި ހިފާނެކަމަށެވެ. ސްކަލޯނީ ބުނީ އާޖެންޓީނާ އޮތީ މެޗަށް ވެވޭނެ އެންމެ ފުރިހަމައަށް ތައްޔާރުވެފަކަމަށެވެ. 2005 ވަނަ އަހަރު ފަހުން ބޮލީވިއާގެ ދަނޑުގައި އާޖެންޓީނާއަށް މޮޅެއް ހޯދިފައެއްނުވެއެވެ.