ޚަބަރު

ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާފާޅުކުރުން


ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، ހަނދާނީ ލިޔުން ރޭ ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ރޭ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތަކީ ދިވެހި އަދަބިއްޔާތާއި ދިވެހި ބަސް ކުރިއަރުވާ، ތަރައްޤީކޮށް، އާއްމުންގެ މެދުގައި ދިވެހި ބަހާމެދު މަޤުބޫލުކަން އިތުރުކުރުމުގެ މަޤުސަދުގައި 1985 އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މިމުބާރާތް ބޭއްވި 30 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި، މާލެއާއި އަތޮޅުތަކަށް ނިސްބަތްވާ 10 ސްކޫލެއްގެ އިތުރުން އޮފީސް، ކްލަބް ނުވަތަ ޖަމިއްޔާތަކުގެ ބައިން 6 ފަރާތަކުން ވާދަކޮށްފައިވާއިރު، މި މުބާރާތުން ތިން ދާއިރާއަކުން ވަނީ ވަނަތައް ހޮވާފައެވެ. 13 އަހަރުން ދަށުގެ އުމުރުފުރާއިން އެއް ވަނަ ހާސިލުކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު އައިޝަތު ރިފާއެވެ. ދެވަނައަށް ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އައިޝަތު ނާހާ ނާސިޙު އަދި ކަލާފާނު ސްކޫލުގެ ނާބިން އަބްދުލްހަމީދު ހޮވިފައިވާއިރު، ތިން ވަނަ ހާސިލުކޮށްފައިވަނީ މުހައްމަދު ސުރައިޖު އަބްދުﷲއެވެ. 13 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން އެއްވަނަ ހާސިލުކޮށްފައިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރު ފާތުމަތު ލައިޝާއެވެ. މި އުމުރުފުރާއިން ދެވަނަ އިސްކަންދަރު ސްކޫލުގެ ދަރިވަރު އައިޝަތު ޖަނާން އަހުމަދު ހޯދާފައިވާއިރު، ތިން ވަނަ ހާސިލުކޮށްފައިވަނީ ހަމަ އެ ސްކޫލުގެ ދަރިވަރެއްކަމުގައިވާ ނިޙްލަތު ނަސްރުﷲއެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ އޮފީސް، ކްލަބް ނުވަތަ ޖަމިއްޔާތަކުގެ ބައިން އެއްވަނަ ހާސިލުކޮށްފައިވަނީ ދިވެސް ކްލަބްގެ ފަރާތުން ވާދަކުރި ނަބާހާއެވެ. މި ބައިން ދެވަނަ ހަމަ ދިވެސް ކްލަބްގެ އަލީ ޝާމިން ހޯދާފައިވާއިރު، ތިން ވަނަ ހާސިލުކޮށްފައިވަނީ މަޖީދިއްޔާ ސްކޫލުގެ އަބްދުﷲ ރަޝީދުއެވެ. މި މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރު ފުރާއިން އެއްވަނަ ކަލާފާން ސްކޫލު ހޯދާފައިވާއިރު، ތޭރަ އަހަރާއި ސޯޅަ އަހަރާދެމެދުގެ އުމުރުފުރާއިން އެއް ވަނަ ހާސިލުކޮށްފައިވަނީ އިސްކަންދަރު ސްކޫލުއެވެ. އަދި އޮފީސްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބައިން އެއްވަނަ ލިބިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަށެވެ. ވާހަކަދެއްކުމުގެ 30 ވަނަ ޤައުމީ މުބާރާތުގައި 18 އަހަރުން ދަށުގެ ބައިން އެންމެ ފަރާތަކުން ބައިވެރިވެފައިވާތީ، އެފަރާތަށްވެސް ހިތްވަރު ދިނުމުގެގޮތުން ޚާއްސަ އިނާމެއް ވަނީ ދީފައެވެ.