ދުނިޔެ

ކޯވިޑް-19 ޖެހުނުފަހުން 'ވަރަށް ބާރުގަދަ'ކަމުގެ އިހުސާސުކުރެވޭ: ރައީސް ޓްރަންޕު


ކޯވިޑް-19 ޖެހުމަށްފަހު ބަލިން ފަސޭހަވެ ރިޔާސީ އިންތިޚާބަށް ކެންޕެއިނު ކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު އަނެއްކާވެސް މަސްއޫލުވެވަޑައިގެންފިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އެމަނިކުފާނަށްވަނީ އަސްކަރީ ހަސްފަތާލެއްގައި ތިން ދުވަހުގެ މުއްދަތަށް ފަރުވާ ދީފައެވެ.

އިންތިޚާބަށް އެންމެ މުހިންމު އެއް ސްޓޭޓުކަމުގައިވާ ފްލޮރިޑާގައި ރައީސް ޓްރަންޕު ބޮޑު ރެލީއެއް ބާއްވަވާފައިވަނީ ކޯވިޑް-19އަށް އަލުން ތަހުލީލުކުރުމުން ނަތީޖާ ނެގެޓިވްވެފައިވާކަމަށް ރިޔާސީ ގަނޑުވަރު، ވައިޓު ހައުސްގެ ޑޮކްޓަރު އިޢުލާނުކުރެއްވިތާ ގަޑިއިރުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެ އިޢުލާނުގައި އެ ތަހުލީލުކުރި ތާރީޚު ހާމަކޮށްފައެއް ނުވެއެވެ.

ފުލޮރިޑާގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަންޕު ވާހަކަދައްކަވާފައިވަނީ މާސްކެއް ތުރުނުކުރައްވައެވެ. އެ ޙަރަކާތުގައި ޓްރަންޕުވަނީ އެމަނިކުފާނަށް ކޯވިޑް-19 ޖެހުމުން ކުރެވުނު ތަޖުރިބާ އާއި ގުޅޭގޮތުން ތަކުރާރުކޮށް ވާހަކަދައްކަވާފައެވެ. ޓްރަންޕު ވިދާޅުވީ ބަލިން ރަނގަޅުވި ފަހުން އެމަނިކުފާނު 'ވަރަށް ބާރުގަދަ' ކަމުގެ އިހުސާސުކުރެވޭކަމަށާއި އެމަނިކުފާނަށް އަލުން ކޯވިޑް-19 ނުޖެހޭނެކަމަށް ޤަބޫލުރައްވާކަމަށެވެ. އަދި އާންމުންނާއި ގާތްވެވަޑައިގަތުމަށް ފަސްޖެހިވަޑައިނުގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 8 މިލިއަން މީހުންނަށް ބަލިޖެހި 220،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޓްރަންޕު މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާއި ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ.

ކެމްޕެއިނު ޙަރަކާތުގައި ވާހަކަދައްކަވަމުން ޓްރަންޕު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެމެރިކާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ ބޮޑެތި އަސަރުތައް ކޮށްފައިވާކަމަށެވެ. އަދި އެ ފިޔަވަޅުތަކަކީ ޙަލަތާ ނުބައްދަލު އަދި މާ ބޮޑަށް ހަރުކަށި ފިޔަވަޅުތަކެއްކަމަށް ޓްރަންޕު ވިދާޅުވިއެވެ. ބަލީގެ ނުރައްކާ އޮތްކަމުގައިވާ ނަމަވެސް ބޭރުތެރެއަށް ނުކުމެ އުޅެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަފުތާގައި ރައީސް ޓްރަންޕުގެ ތިން ކެންޕެއިނު ޙަރަކާތް ބޭއްވުމަށްވަނީ ތާވަލުކޮށްފައެވެ. ފްލޮރިޑާގެ ސެންފޯޑުގައި ބޭއްވި އެއްވުމުގެ އިތުރުން ޕެންސިލްވާނިއާއާއި އަޔޯވާއާއި ނޯތު ކެރޮލީނާގައި ޙަރަކާތްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ކޯވިޑް-19ން ރަނގަޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކެންޕެއިނަށް ނިކުމެވަޑައިގަންނަވާ ބުރަކޮށް އުޅުއްވުމުގެ ސަބަބުން އުމުރުން 74 އަހަރުގެ ޓްރަންޕުގެ ޞިއްޙަތަށް ގެއްލުން ލިބިދާނެކަމާމެދު ބައެއް ފަރާތްތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.