ޚަބަރު

ހަތަރު ރަށަކުން ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކޭނެ ގޮތް ހަމަޖައްސައިފި


ހަތަރު ރަށެއްގައި ތިބެގެން ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ހުޅުމާލޭ ހޮސްޕިޓަލަުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ޚިދުމަތަކީ އަމިއްލަ ރަށުގައި ތިބެގެން ސްޕެޝަލިސްޓް ޑޮކްޓަރުން ނުވަތަ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނަށް ފަސޭހައިން ދެއްކޭނެ ގޮތް ފަހިކޮށްދިނުމަށް ފެށި މަސައްކަތެއްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ މިހާތަނަށް 4ރަށަކަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފަށާފައިވާކަމަށެވެ. އެންމެ ފުރަތަމަ މި ޚިދުމަތްފެށީ ޏ.ފުވައްމުލަކަށެވެ. އަދި އެއަށްފަހު މ.މުއްޔާއި ފ.ނިލަންދުއާއި، އަދި މިހާރު މިވަނީ ތ.ވިލިފުއްޓަށްވެސް މި ޚިދުމަތް ފަށާފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ ޓެލެކޮންސަލްޓޭޝަންގެ 3 ސެޝަން ކޮންމެ ހަފްތާއަކު ބާއްވާނެ ކަމަށެވެ. އެ ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދައްކަން ބޭނުންވާ މީހުން، އެރަށެއްގެ ހެލްތް ސެންޓަރާއި ގުޅައިގެން ޚިދުމަތަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ ޑޮކްޓަރަށް ދައްކާ މީހުންގެ ލިސްޓު އެ ހޮސްޕިޓަލަށް ލިބުމުން، ޑޮކްޓަރުން ބަލާ ދުވަސްތަކާއި ގަޑިތައް ހޮސްޕިޓަލުން ތާވަލު ކުރާނެ ކަމަށެވެ. އަދި މީހުން ޑޮކްޓަރަށް ދައްކަން ނަން ނޯޓްކުރާ މިންވަރު އިތުރު ވާނަމަ، ސެޝަންތައް އިތުރުކުރާނެކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިވަގުތު ހުޅުމާލެ ހޮސްޕިޓަލުން 8 ދާއިރާއަކުން ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އެއީ ހިތުގެ ބަލިތައް، އެތެރެހަށީގެ ބަލިތައް، ހަމުގެ ބަލިތައް، ކަށީގެ ބަލިތައް، ކުޑަކުދިންގެ ޚާއްސަ ބަލިތައް، ކަރުން މަތީގެ ބަލިތައް، ނަފްސާނީ ބަލިތައް، އަންހެނުންގެ ޚާއްސަ ބަލިތައް އަދި ޖެނެރަލް ސަރޖަންގެ ޚިދުމަތް ހިމެނެއެވެ.

ޑޮކްޓަރަށް ދެއްކުމުގެ ސެޝަންތައް ކުރިއަށްގެން ދަނީ ޒޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި ބޭސް ސިޓީ ލިޔެ ދިނުމާއި، ޓެސްޓުތައް ހެދުމަށް ލިޔުން ތައްޔާރުކޮށް ދޭނީ ހުޅުމާލެ ހޮސްޕިޓަލުން ބަލާ ޑޮކްޓަރާއި، އެރަށެއްގެ ހެލްތް ސެންޓަރުގައި ހުންނަ ޑޮކްޓަރު ގުޅިގެންނެވެ. އަދި ރިޕޯޓް ލިބުމުން ފޮލޯއަޕް ޗެކަޕްތައް ހެދޭނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވި އިތުރު ރަށްތަކުން ޚިދުމަތަށް އެދޭނަމަ އެ އިންތިޒާމްތައް ހުޅުމާލެ ހޮސްޕިޓަލުން ހަމަޖއްސައިދޭނެ ކަމަށެވެ.