ޚަބަރު

މަޖިލީހުގައި "މައިންގެ ކޮޓަރި" އެއް ޤާއިމްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން މަޖިލީހަށް ވަޑައިގަންނަވާއިރު ތުއްޕުޅު ބޭފުޅުން ބެލެހެއްޓޭނެ އިންތިޒާމެއް އެ އިދާރާގައި ހަމަޖައްސައިދެއްވައިފިއެވެ.

މަޖިލީހުގެ ޗެމްބަރުގައި ގޮނޑިތައް ހުންނަގޮތުން ބަލިވެއިންނެވި މަޖިލީހުގެ މެންބަރަކަށް އުނދަގޫފުޅުވެ އެހެން ގޮތެއް އިންތިޒާމްކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ މަޖިލީހުގައި މިހާރު މައިންނަށް ޚާއްޞަ ކޮޓަރިއެއް ހުންނާނެކަމަށެވެ. މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެމީހުންގެ ތުއްޕުޅު ބޭފުޅުންވެސް ބެލެހެއްޓޭނެ އިންތިޒާމް އެތަނުގައި ހަމަޖައްސާފައިވާކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކުދިންނަށް އެކޮޓަރީގައި ކުޅެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މައިންގެ ކޮޓަރިއެއް މިހާރު މަޖިލީހުގައި ހުންނާނެ. މިއަދު އަޅުގަނޑުމެންނަށް އެ ކޮޓަރީގެ ބޭނުންކުރަން ފެށޭނެ. އެހެންވީމާ އެއްވެސް ބޭފުޅެއްގެ ކުޑަކުދިން ވަގުތުކޮޅަކަށް އެހެން ތަނަކަށް ފޮނުއްވެވެން ނެތްކަމަށްވާނަމަ މިހާރު އިރާދަކުރެއްވިއްޔާ މަޖިލީހުގައި އެކުދިން ބެލެހެއްޓޭނެ މައިންގެ ކޮޓަރީގައި."މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


މަޖިލީހުގެ ރައީސް ވިދާޅުވީ މަޖީލިހުގައި އެކުދިން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސާފައިވީ ނަމަވެސް އެންމެ ރަނގަޅުގޮތަކީ އާއިލާއާއެކު އެކުދިން ބޭތިއްބުންކަމަށެވެ. ނަމަވެސް އިތުރުގޮތެއް ނެތްނަމަ މަޖިލީހަށް ތުއްޕުޅު ބޭފުޅުން ގެންނަވަން އިރުޝާދުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެކުދިން މަޖިލީހަށް ގެންނެވުމުން އެމަނިކުފާނަށް ވީވަރަކުން ބަލަހައްޓަވާނެކަމަށެވެ.

މައިންގެ ކޮޓަރި ހަދާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ބޭނުން ކުރުމަށް ހަދާފައިވާ ތަނެކެވެ.
މަޖިލީހުގެ އިދާރާގައި ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުން މަސައްކަތްކުރައްވަމުން ގެންދަވާއިރު މެންބަރުގެ ގޮތުގައި 4 އަންހެން މެންބަރުން އެބަތިއްބެވެ.