ޚަބަރު

ޖިންސީ ތަފާތުކުރުން ގިނަފަހަރަށް ފެށެނީ ޢާއިލާގެ ތެރެއިން - ޖެންޑަރ މިނިސްޓަރ


ޖިންސީ ތަފާތުކުރުން ގިނަފަހަރަށް ފެށެނީ ޢާއިލާގެ ތެރެއިންކަމަށާ، އެކަން ހުއްޓުވައި އަންހެންކުދިންނަކީވެސް މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނެ ބަޔަކަށް ވުމުގެ ފުރުސަތު ދޭންޖެހޭކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވާހާ ގުޅިގެން "ކޮންވަރސް ވިތް މިނިސްޓަރ"ގެ ނަމުގައިވަނީ ޖެންޑަރ މިނިސްޓްރީއާއި ގަރލް ގައިޑް އެސޯސީއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެންކުދިންވަނީ ބައިވެރިވެފައެވެ. މި ސެޝަންގައި ކުރިއަށްގެންގޮސްފައިވަނީ އަންހެން ކުދިން ބާރުވެރިކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރެވޭގޮތަށެވެ.

މިސެޝަންގައިވަނީ އަންހެންކުދިންނަށް ދިމަވާ އިޖްތިމާޢީ މައްސަލަތަކާއި ޖިންސީ ތަފާތު ކުރުމާއި، ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި ކަންކަން ނިންމާ މަރުޙަލާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމާއި ގުޅޭގޮތުން ކުދިންނާ މަޢުލުމާތު ޙިއްސާކުރައްވާފައެވެ.

މި ސެޝަންއާ ގުޅޭގޮތުން މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ މި ޙަރަކާތަކީ އަންހެން ކުދިންގެ އަޑު އަހައި، އެކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުމަށް އެޅިގެންދިޔަ ފިޔަވަޅެއްކަމަށެވެ. ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް މިނިސްޓަރވަނީ ޙިއްސާކުރައްވާފައެވެ.

މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޢުމުރުން 10އަހަރާއި 17އަހަރާ ދެމެދުގެ އަންހެންކުދިން ބައިވެރިވެފައިވެއެވެ.