ޚަބަރު

ޒަކާތު ފަންޑުން ސްކޮލަރޝިޕް ދޭ އައު އުސޫލަށް އަމަލުކުރަން ފަށައިފި


މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެހީ ދިނުމުގެ އާ ޢުސޫލު އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.
މި އުސޫލަކީ މިނިސްޓްރީ އޮފް ފިނޭންސްއަށް ލިބިދޭ އިޙްތިޔާރުގެ ދަށުން "ޒަކާތު ފަންޑު"ގެ ނަމުގައި ޤާއިމުކޮށްފައިވާ ޓްރަސްޓްފަންޑުން، ކުރުން ހުއްދަ ޚަރަދުތަކުގެ ތެރެއިން މަތީ ތަޢުލީމު ޙާސިލުކުރުމަށް އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ކަނޑައަޅާ ޢަމަލުކުރަންފެށި އުސޫލެކެވެ.

މިފަދަ އުސޫލެއް ކަނޑައަޅާފައިވަނީ މާލީގޮތުން ފުދުންރެރިކަން ނެތް ދިވެހި ދަރިވަރުންގެ ތެރެއިން، މި ޢުސޫލުގެދަށުން އެޙީ ދިނުމަށް ހޮވޭ ދަރިވަރުންނަށް، ހަމަހަމަކަމާއި ހާމަކަމާއިއެކު ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ކިޔެވި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމަށް ބާރު އަޅައި އެކަމަށް ހިތްވަރުދިނުމެވެ.

މި އުސޫލުގެދަށުން ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕާއި، ޚާއްސަ އެހީއެވެ. އެއީ ލެވަލް 5 އިން ފެށިގެން 10އަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތާއި، މި ލެވެލްތަކުގައި ކިޔަވާ ދަރިވަރުންނަށް ދެވޭ އެހެނިހެން ޚާއްސަ އެހީތަކެވެ.

މި ޢުސޫލުގައި ބުނާގޮތުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް އިޢުލާނުކުރުމުގެ ކުރިން އެ އިރެއްގެ ޙާލަތަށް ބަލައި ސްކޮލަރޝިޕްދޭނެ ދާއިރާތައް ކަނޑައަޅާނީ، މި އުސޫލުގެދަށުން އެކުލަވަލާ "މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްސަ އެޙި ދިނުމާބެހޭ ކޮމިޓީ"އިން ބެލުމަށް ފަހުގައެވެ.

ސްކޮލަރޝިޕް ދިނުމުގެ ޝަރުތުރުތަކާއި، ސްކޮލަރޝިޕް ދިނުމުގައި އިސްކަން ދޭނެ ކަންކަންތައްތަކާއި، ކިޔެވުމުގެ މުއްދަތާއި، ސްކޮލަރޝިޕް ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ ތަފްސީލްތައް މި އުސޫލުގައި ވަނީ ހިމަނާފައެވެ. މީގެއިތުރުން ސްކޮލަރޝިޕްގައި ދޭ ފައިސާ ޚަރަދުކުރާނެ ގޮތްތަކާއި، ފައިސާ އުނިކުރެވޭނެ ޙާލަތްތަކާއި، އުނި ނުކުރެވޭނެ ޙާލަތްތަކާއި، އަދި ދަރިވަރަކު ކޯހުން ފެއިލްވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތައްވެސް އުސޫލުގައިވަނީ ހިމަނާފައެވެ.

މީގެ އިތުރުން ޚާއްސަ އެޙީ ދޭނެ ދާއިރާތައްވެސް މި އުސޫލުގައިވަނީ ކަނޑައަޅާފައެވެ. އެގޮތުން ޚާއްޞަ އެހީގެ ގޮތުގައި ޓިކެޓާއި، ޓިއުޝަން ފީއާއި، ވިސާގެ ޚަރަދުތަކާއި، ހެލްތް އިންޝުއަރެންފަދަ ޚަރަދުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަލަށް އެކުލަވާލާފައިވާ މި ޢުސޫލުގެ ދަށުން ސްކޮލަރޝިޕް ލިބޭ ދަރިވަރުން، މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭއިރު، ކޯސް ފުރިހަމަކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކުރަންޖެހޭނެއެވެ. މި އުސޫލާއިއެކު 8 ފެބްރުއައީ 2018ގައި ގެޒެޓުކޮށްފައިވާ "ޒަކާތު ފަންޑު ސްކޮލަރޝިޕާއިބެހޭ އުސޫލު" މިހާރު ވަނީ ބާޠިލުކޮށްފައެވެ.