ވިޔަފާރި

ހެޕީ މާކެޓްގެ ގްރީން ފްލީޓް ތަޢާރަފްކޮށް، ބޮޑު ޝޯވރޫމެއް ހުޅުވައިފި


ހެޕީ މާކެޓްގެ ގްރީން ފްލީޓް ތަޢާރަފްކޮށް، އެކުންފުނީގެ އެންމެ ބޮޑު ޝޯވރޫމް ހުޅުވައިފިއެވެ.

ހެޕީ މާކެޓުން އެތެރެކުރާ ހުރިހާ ބާވަތެއްގެ މުދާ އެއްތަނަކުން ފެންނާނެހެން ހުޅުވި އެކުންފުނީގެ އެންމެ ބޮޑު ޝޯވރޫމް ހުޅުވާފައިވަނީ ހުޅުމާލޭގައެވެ.

ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ، ހުޅުމާލޭގައި ހުޅުވި ހެޕީ މާކެޓްގެ އެންމެ ބޮޑު ފިހާރާއިން އެކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ލިބޭނެކަމަށެވެ. މިގޮތުން އެކި ބާވަތްތަކުގެ ފްރޯޒަން މަހާއި، ފްރޯޒަން ތަރުކާރީގެ އިތުރުން، ދަޅު ކާނާއާއި، ޗީޒްއާއި ބަޓަރއާއި ކިރުގެ ބާވަތްތައް އެ ފިހާރާއިން ލިބެން ހުންނާނެކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ޝޯވރޫމްގައި ހުންނަ އެކްސްޕީރިއަންސް ސެންޓަރުން އެކި ބާވަތްތަކުގެ ތަކެތި ރަހަ ބަލާލުމުގެ ފުރުޞަތު ވަރަށް އަހަށް ފަހިކޮށްދޭނެކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"ދުނިޔޭގެ ހުރިހާ ދިމާލަކުން ޕްރޮޑަކްޓްސް އެބަ ގެންނަން. ފްރޯޒަން ކުކުޅު މިގެންނަނީ ބްރެޒިލުން. އެމެރިކާ ހިސާބުން ފްރެޝް އޮރެންޖު އެބަ ގެންނަން. އިނގިރޭސިވިލާތުން ޑެއިރީ ޕްރޮޑަކްޓްސް، ބަޓަރ ކަހަލަ އެއްޗެހި ޖަރުމަނުން އެބަ ގެންނަން. އޮސްޓްރޭލިއާއިން އެބަ ގެންނަން ޕާސްތާ. ސިންގަޕޯރގެ ކެމިކަލް ބްރޭންޑެއް.. އޭގެ އިތުރުން ޑްރައި ޕްރޮޑަކްޓްސް ނުވަތަ ދަޅު ކަނާގެ ބާވަތްތައްވެސް މިތަނުން ލިބޭނެ." އިހުސާން ވިދާޅުވިއެވެ.

ހެޕީ މާކެޓްގެ އައު ޝޯވރޫމްއާއެކު ގްރީން ފްލީޓް އިފްތިތާޙުކޮށްފައިވާއިރު، މިއީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް އެކުންފުނިން ކުރިއަށްގެންދިޔަ މަސައްކަތެއްކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ހެޕީ މާކެޓުން ބޭނުންކުރަމުންދިޔަ ތިރީހަށްވުރެ ގިނަ ޑީސަލް އަދި ޕެޓްރޯލް ބޭނުންކުރާ އުޅަނދުތަކުގެ ބަދަލުގައި، އިލެކްޓްރިކް ބެޓަރިން އޮޕަރޭޓްކުރާ ތިމާވެއްޓާ ރަށްޓެހި އުޅަނދުތަކެއް ތަޢާރަފްކޮށްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ.

"ކާބަން ފުޓް ޕްރިންޓް ކުޑަކުރުމަކީ ކުންފުނީގެ އަމާޒެއް. ކުންފުނީގެ 37 ވެހިކަލް އެއްކޮށް އަޅުގަނޑުމެން މިބަދަލުކުރަނީ ގްރީން ފްލީޓަށް. އެބަދަލާއެކުގައި ކުރިއަށްއޮތްތާނގައި، ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރޭޝަން ނިމި، މުޅި ފްލީޓް އެއްކޮށް ތިމާވެއްޓާ ރަށްޓެހި އުޅަނދުތަކަކަށް ބަދަލުވެގެންދާނެ. މިކަމުގެ ސަބަބުން ކުންފުންޏަށް ޚަރަދުތައް ކުޑަވެގެންދާނެ. ހަމައެއާއެކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަކުރުމުގެ ޒިންމާވެސް ނަގަން ފެށުނީ." އިހުސާން ވިދާޅުވިއެވެ.

ރާއްޖެއަށް ކާބޯތަކެތީގެ އެކި ބާވަތްތައް އެތެރެކޮށް، ވިޔަފާރިކުރާތާ ތިރީހަކަށް އަހަރުވެފައިވާ ހެޕީ މާކެޓުން ދަނީ ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެމުންނެވެ. އަދި ރިސޯޓްތަކަށް ބޭނުންވާ ތަކެތިވެސް އެކުންފުނިން ފޯރުކޮށްދެއެވެ. ހެޕީ މާކެޓުން ބުނީ އެކުންފުނީގެ އަމާޒަކީ އެންމެ ފެންވަރު ރަނގަޅު ތަކެތި، ވީހާވެސް އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.