ކުޅިވަރު

އެއީ މީގެ ހަތަރު އަހަރު ކުރި، އެއްވެސް ކަމެއް ބަދަލެއް ނުކުރާނަން: ޑެޝޯމްޕްސް


މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނޭޝަންސް ލީގުގައި ނުކުންނައިރު ހަތަރު އަހަރު ކުރިން ފްރާންސް ބަލިކޮށް ޕޯޗުގަލްއިން ޔޫރޯ ކާމިޔާބުކުރި ހަނދާންވާކަމަށާއި އަދިވެސް ނުކުންނާނީ އެއްވެސް ބަދަލާކާނުލާ އެގޮތަށް ކުޅެންކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ މެޗާ ކުރިމަތިލާއިރު އަދިވެސް ޕޯޗުގަލްއަކީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށާއި އެކަމަށް އެޓީމަށް މަރުހަބާ ކިޔާކަމަށެވެ. ފައިނަލުގައި އެޓީމު އަތުން ބަލިވުމުން ދެރަނުވާކަމަށާއި އެއީ ފޮނިހަދާންތަކެއްކަމަށް ޑެޝޯމްޕްސް ބުންޏެވެ. އޭނާ ބުނީ އޭގެފަހުން ފްރާންސުން ވަރލްޑް ކަޕުގެ ތަށި ހޯދައިފި ކަމަށާއި އަނެއްކާވެސް ދެޓީމު ވާދަވެރި ރޫހެއްގައި ކުރިމަތިލާން ޖެހުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ޑެޝޯމްޕްސް ބުނީ މިއީ މިވަގުތު ޔުރޮޕާއި ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ދެ ޓީމުގެ ކުރިމަތިލުންކަމަށެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މެޗަށް ތައްޔާރުވާއިރުވެސް ފްރާންސްގެ ފަރާތުން ކުރިމަތިވާނެ އުނދަގޫތައް އެނގޭކަމަށާއި ދަނޑު މައްޗަށް އަރާނީ ޓީމުގައި ހުރިހާ ހަތިޔާރެއް ބޭނުންކޮށް މެޗު ކާމިޔާބުކުރަންކަމަށެވެ.

ސަންޓޯސް ބުނީ ދަނޑުގެ ކޮންމެ ދިމާލަކުންވެސް ފްރާންސަށް ވުރެ މޮޅަށް ކުޅެގެން ނޫނީ ސަލާމަތް ނުވާނެކަމަށާއި މިއީ ދެޓީމުން ކުރެ ޓީމަކަށް ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ. މި ދެޓީމު އެންމެފަހުން ވާދަކުރީ މީގެ ހަތަރު އަހަރު ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައެވެ. އިތުރު ވަގުތުގައި ރެއެނާޓޯ ސަންޗޭޒް ކާމިޔާބުކުރި ލަނޑުން ފްރާންސް ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.