ކުޅިވަރު

މި ޓީމުން އިޓަލީ ފުޓްބޯޅައަށް ދިރުން ގެނެސްދީފި: މަންޗީނީ


އިޓަލީގެ މިހާރު އޮތް ޒުވާން ޓީމުން އެގައުމުގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސްދީފިކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން މަންޗީނީ ބުނީ ޓީމުން ހޯދަންމުންދާ ނަތީޖާތަކުގެ ސަބަބުން އިޓަލީގެ ސަޕޯޓަރުންގެ ރޫހު ރަނގަޅުވެފައިވާކަމަށެވެ. މިއަދު ގޭގަ ތިބެގެން މެޗު ބަލަން ޖެހުނަސް ގައުމީ ޓީމާއެކު ސަޕޯޓަރުން ތިބިކަމުގެ އިހްސާސް ކުޅެންތިރިންނަށް ކުރާކަމަށް މަންޗީނީ ބުންޏެވެ.

މިހުރިހާ ކަމެއްވެސް ބަދަލުވެގެންދިޔައީ ޓީމުން ދެއްކި ރަނގަޅު ކުޅުމާއި، ނެރުނު ނަތީޖާގެ ސަބަބުންކަމަށް މަންޗީނީ ބުންޏެވެ. އޭނާ ބުނީ މިމެޗަށް ނުކުންނާނީ ބަލާހިތްވާކަހަލަ ރީތި ކުޅުމެއް ދައްކައިގެން މޮޅުވާން ކަމަށެވެ. އިޓަލީން ވަނީ އެންމެ ފަހުން އެޓީމު ކުޅުނު 16 މެޗުގެ ތެރެއިން 14 މެޗު ކާމިޔާބުކޮށްފައެވެ.