ކުޅިވަރު

ގައުމީ ޓީމުގެ ކޯޗަކަށް ހުރުމަކީ ލިބޭ ފަހުރެއް: ޑި ބޮއާ


ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް ކޯޗު ފްރެންކް ޑި ބޮއާ ބުނެފިއެވެ.

ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ބޮސްނިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޑި ބޮއާ ބުނީ އޭނާގެ ކެރިއަރުގައި އަބަދުވެސް ގައުމީ ޖާޒީގައި ކުޅުމަކީ ތަފާތު އިހްސާސްތަކެއް ގެނުވިކަމެއްކަމަށެވެ. އެއީ އޭނާ އާއި ލޯބިވާ އެންމެންނަށް ހާއްސަ އިހުސާސެއް ގެނުވާކަމެއްކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމުގެ ތިބި ޒުވާން ކުޅުންތެރިންނާއެކު މުސްތަގުބަލު ވަރަށް އުޖާލާ ކަމަށާއި ޓީމުން ކުރިޔަށްހުރި މެޗުތަކުގައި ތަފާތު ދައްކާނެކަމަށެވެ.

އޭނާގެ ކޯޗުކަމުގެދަށުން ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ މެކްސިކޯ އަތުން ބަލިވެފައެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބޮސްނިޔާގެ ކޯޗު ޑުސާން ބަޖެވިޗް ބުނީ ޔޫރޯ ކޮލިފައިން ޕްލޭ އޯފަށް ފަހު މެޗަށް ތައްޔާރުވާން ލިބުނީ ތިން ދުވަސް ކަމަށާއި މަސައްކަތް ކުރާނީ ޓީމަށް ދެއްކުނު އެންމެ ރަނގަޅު ކުޅުމެއް ދައްކައި މެޗު ކާމިޔާބުކުރުމަށް ކަމަށެވެ. ޔޫރޯ ކޮލިފައިން ޕްލޭ އޯފްގައި ނޮދަން އަޔަލެންޑާއި ވާދަކޮށް ބޮސްނިޔާ ވަނީ ބަލިވެފައެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެއެވެ.