ދުނިޔެ

ޓްރަންޕުގެ ފަރާތުން އެހެން މީހުންނަށް ބަލިނުޖެހޭނެ: ޑޮކްޓަރު


ކޯވިޑް-19 ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފަރާތުން އެހެން މީހުންނަށް ބަލިނުޖެހޭ ވަރަށް އެމަނިކުފާނު ބަލިން ފަސޭހަވެވަޑައިގެންފައިވާކަމަށް ޑޮކްޓަރުން ބުނެފިއެވެ.

އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކުރެއްވި ރައީސް ޓްރަންޕުވަނީ ޢާންމުންގެ ތެރެއަށް ނިކުމެވަޑައިގެން ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކެންޕެއިނު ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. ިއއްޔެ ބޭއްވި އެއްވުމުގައި އެމަނިކުފާނަށް ތާޢީދުކުރާ މީހުންނާ ކުރިމަތިލައި ވައިޓު ހައުސްގެ ބެލްކަނީގައި ހުންނަވާ މާސްކާ ބޭނުންކުރުމެއްނެތި އާއްމުންނާއި ވަނީ ވާހަކަދައްކަވާފައެވެ. އެއާއެކު ރައީސް ޓްރަންޕުގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު އޮތްކަމަށް ބުނެ ގިނަ ޢަދަދެއްގެ ޢާންމުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ.

ރިޔާސީ ގަނޑުވަރު، ވައިޓު ހައުސްގެ ޑޮކްޓަރު، ޝޯން ކޮންލޭ ނެރުއްވި މެމޯއެއްގައި ވިދާޅުވީ ކޯވިޑް-19 ޖެހިފައިވާ މީހުން އެކަހެރިވުން ހުއްޓާލުމަށް އެމެރިކާގެ ސެންޓާ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ކަނޑައަޅާފައިވާ ޝަރުތުތައް ރައީސް ޓްރަންޕުގެ މިހާރުގެ ޙާލަތުން ފުރިހަމަވާކަމަށެވެ. އެންމެ ފަހުގެ ކޯވިޑު ޕީސީއާރު ސާންޕަލުން ދައްކާ ގޮތުގައި ރައީސް ޓްރަންޕުގެ ފަރާތުން އެހެން މީހަކަށް ބަލިޖެހުމުގެ ފުރުޞަތު މިހާރު ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ފަހުގެ ލެބޯޓަރީ ތަހުލީލުތަކުން ރައީސް ޓްރަންޕުގެ ހަށިކޮޅުގައި ވައިރަހުގެ އަސަރު އިތުރުވާކަމުގެ ނިޝާނެއް ފެނިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ހަށިކޮޅުން ވައިރަހުގެ އަސަރުދަނީ މަދުވަމުންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯވިޑް-19އަށް ތަހުލީލުކޮށް ނަތީޖާ ނެގެޓިވްވެފައިވާކަމަށް ވިދާޅުވެފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު އިންތިޚާބަށް މުހިންމު ފުލޮރިޑާ ސްޓޭޓުގައި ކެމްޕެއިނު ކުރެއްވުމަށް ރައީސް ޓްރަންޕު ދަތުރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާ އަލުން ކެމްޕެއިން މަސައްކަތްތައް ފެއްޓެވުމަށް ޓްރަންޕު ނިންމެވި ނިންމެވުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 7.9 މިލިއަން މީހުންނަށް ބަލިޖެހި 219،000 މީހުން އެބަލީގައި މަރުވެފައިވާ އެމެރިކާގެ ރައްޔިތުންގެ ސަލާމަތަށް ރައީސް ޓްރަންޕު ނުވިސްނަވާކަމަށް އޭނާވަނީ ތުހުމަތުކުރައްވާފައެވެ.