ދުނިޔެ

ވައިގެ ތެރޭގައި ދެ މަތިންދާ ބޯޓު ޖެހި ފަސް މީހުން މަރުވެއްޖެ


ވައިގެ ތެރޭގައި ދެ މަތިންދާ ބޯޓު އެކްސިޑެންޓުވެ ފަރަންސޭސިވިލާތުގައި ފަސް މީހުން މަރުވެއްޖެއެވެ.
ސައިޒުގެ ގޮތުން ކުޑަ އަދި ލުއި އެ ދެ މަތިންދާބޯޓު ޖެހިފައިވަނީ ފަރަންސޭސިވިލާތުގެ ޓުއާސް ސިޓީގެ ކައިރީގައެވެ. ދެ މަތިންދާ ބޯޓު ޖެހުމުން ފަސް މީހުންވަނީ މަރުވެފައެވެ. ނަމަވެސް އެ މަތިންދާ ބޯޓުތައް ބިމަށް ވެއްޓުމުގައި އިތުރު މީހަކު ޒަހަމްވެފައެއް ނުވެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އެކްސިޑެންޓުގައި ހިމެނޭ މައިކުރޯ ލައިޓު ބޯޓުގައި ދެ މީހުން ތިބިކަމަށާއި އެ މަތިންދާ ބޯޓު ވެއްޓިފައިވަނީ ލޮޗެސް ކިޔާ އަވަށެއްގައި ހުރި ގެއެއްގެ ފެންސެއްގެ މައްޗަށް ކަމަށެވެ. ލޮޗެސް އޮންނަނީ ޓުއާސްއާ 46 ކިލޯމީޓަރު ދުރުގައެވެ. މަންޒަރު ދުށް މީހަކު ބުނީ އެ ގޭގެ ކަރަންޓު މީޓަރުގައި މަތިންދާ ބޯޓު ޖެހުމާއެކު މަތިންދާބޯޓުގައި އަލިފާން ރޯވެފައިވާކަމަށެވެ.

އެކްސިޑަންޓުވި ދެވަނަ ބޯޓަކީ ޑައިމަންޑު ޑީއޭ40 މަރުކާގެ ތަންކޮޅެއް ބޮޑު ބޯޓެކެވެ. އެ ބޯޓުގައި ވެއްޓުނުއިރު އޭގައި ތިބީ ތިން ފަތުރުވެރިންނެވެ. އެ ބޯޓު ވެއްޓިފައިވަނީ މީހުން ދިރިނޫޅޭ ސަރަޙައްދަކަށެވެ. ދެ ބޯޓުގައި ތިބި މީހުންވެސް އެ ހާދިޘާގައި މަރުވެފައިވާކަމަށް ފަރަންސޭސިވިލާތުން ބުންޏެވެ.

ދެ ބޯޓު އެކްސިޑެންޓުވާން ދިމާވި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެ ހާދިޘާ ތަހުގީގުކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.