ޚަބަރު

ހޯރަފުށީ އެއަރޕޯޓް ފެހިކުރުމުގައި މާރަންދޫއިން ބައިވެރިވެއްޖެ


ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު މާރަންދޫއިން ބައިވެރިވެއްޖެއެވެ.

މިހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުންނެވެ. މިހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯޓް ފެހިކުރުމުގެ ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމްގައި މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކު ކަމުގައިވާ ހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި ތުރާކުނު ސިއްހީ މަރުކަޒުގެ އިތުރުން އެމްއެންޑީއެފުންނާއި، އެމްޓީސީސީއިން ވެސް މީގެ ކުރިން ވަނީ ބައިވެރިވެ ގަސް އިންދާފައެވެ. އަދި މީގެއިތުރުން ވެސް ހޯރަފުށީގެ އެކި ކްލަބް، ޖަމްޢިއްޔާތަކާއި، އެކި ގްރޫޕްތަކާއި އަދި ޢާއިލާތަކުން އަންނަނީ އެރަށު އެއަރޕޯޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ގަސް އިންދަމުންނެވެ.

ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް 21 ޖޫން 2019 ގައި ނައިބު ރައީސް ފައިޞަލް ނަސީމްވަނީ ފައްޓަވައިދެއްވާފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ނިންމާފައިވާ ކަމަށް ހޯރަފުށީ ކައުންސިލުން އެދުވަހު ވަނީ ހާމަ ކޮށްފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުންނެވެ.