ޚަބަރު

ހުޅުމާލޭ ޖަލުން ޕޮޒިޓިވްވި އެންމެން ރަނގަޅުވެ ޖަލު އާންމު ހާލަތަށް


ހުޅުމާލޭ ޖަލުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ގައިދީންނާއި ބަންދު މީހުން ރަނގަޅުވެ ޖަލު އާންމު ހާލަތަށް ގެނެވިފައިވާ ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މީގެ މަހެއްހާ ދުވަސްކުރިން ހުޅުމާލޭ ޖަލުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޖަލު ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ. ނަމަވެސް ހުޅުމާލޭ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ގައިދީންނާއި، ބަންދު މީހުން ބަލިން ރަނގަޅު ވުމުން ޖަލުގައި އޮތް ކަރަންޓީންގެ މުއްދަތު ނިމުމަކަށް ގެނެސް މިއަދުން ފެށިގެންވަނީ އާންމު ހާލަތަށް ބަދަލުކޮށްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ޖަލުގެ ކަރަންޓީން މުއްދަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާކަމަށެވެ. އަދި މިއަދު ޖަލު އާންމު ހާލަތަކަށް ގެނެވިގެންދިޔައީ އެބޭފުޅުންގެ މަސައްކަތުންކަމަށް އަހުމަދު ވިދާޅުވެފައި ވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެބަލި ޖަލުތަކުގައި އުޅޭތޯ ދެނެގަތުމަށްޓަކައި ކަރެކްޝަނަލް ސަރވިސްއިން ބަލަހައްޓާ ހުރިހާ ޖަލުތަކާއި، ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ބައްޔަށްވަނީ ޓެސްޓުކޮށްފައެވެ.