އަރުމޭނިއާއާއި އަޒަރުބައިޖާނުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
ޒަމާންވީ ނަގޮރުނާ-ކަރަބަޚްގެ މައްސަލައިގައި ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުން ފެށިގެން އަރުމޭނިއާއާއި އަޒަރުބައިޖާނުން ދަނީ ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންނެވެ. އެ ޙަމަލާތަކުގައި މިހާތަނަށް 300 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުންވަނީ ޒަހަމްވެފައެވެ.
1990ގެ އަހަރުތަކުގައި އަޒަރުބައިޖާނާއި އަރުމޭނިއާއިންވަނީ ނަގޯރުނޯ-ކަރަބާޚްގެ މައްސަލައިގައި ހަނގުރާމަކޮށްފައެވެ. ހަނގުރާމައިގެ ތެރޭގައި 1991ވަނަ އަހަރުގައި ނަގޯރުނޯ-ކަރަބާޚްގައިވަނީ އަމިއްލަ ވެރިކަމެއް ޤާއިމްކޮށްފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ޤައުމުން 1994ވަނަ އަހަރުގައިވަނީ އެއްބަސްވެފައެވެ. އެއަށްފަހު ސަރަޙައްދު އޮންނަނީ އަޒަރުބައިޖާނުގެ ބައެއްގެ ގޮތުގައި ނަމަވެސް އެ ސަރަޙައްދު އޮންނަނީ އަރުމޭނިއާގެ ބާރުގެ ދަށުގައެވެ. އެ މައްސަލައިގައި އަލުން ޙަމަލާބަދަލުކުރަން ފެށުމުން އެ މައްސަލަ ސަރަޙައްދީ ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރުއޮތީ ހީވެފައެވެ.
އަރުމޭނިއާއާއި އަޒަރުބައިޖާނާދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި މެދުވެރިއެއްގެ ދަޢުރު ޢަދާކުރާ ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގެއި ލެވްރޮވް ވިދާޅުވީ 10 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު ޙަމަލާ ބަދަލުކުރުން ހުއްޓާލާ ނަގޮރުނާ-ކަރަބަޚްގެ މައްސަލައިގައި އިތުރު މަޝްވަރާތައްކުރުމަށް ދެ ޤައުމުންވެސް އެއްބަސްވެފައިވާކަމަށެވެ. އިންސާނީ ކަންކަމުގައި ދެ ޤައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާނީ ރެޑު ކުރޮހުންކަމަށް އޭނާ ވިދާޅުވިއެވެ.
ނަގޯރުނޯ-ކަރަބާޚްގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޭއްވުމަށް އެއްބަސްވެފައިވާ މަޝްވަރާތަކާއި ގުޅޭގޮތުން ލަވްރޮވް މާ ބޮޑު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު ޢަދާކުރާނީ އޯގަނައިޒޭޝަން ފޮރ ސެކިއުރިޓީ އެންޑް ކޯއޮޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ)އިންކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ އަރުމޭނިއާއާއި އަޒަރުބައިޖާނާދެމެދު ޙަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަކީ އިންސާނިއްޔަތަށްޓަކައި ވެފައިވާ އެއްބަސްވުމެއްކަމަށެވެ. އެއްބަސްވުމާއި އެއްގޮތަށް ދެ ފަރާތުން ޢަމަލުކުރާނެކަމުގެ ޔަޤީންކަމެއް ނެތެވެ. ކަމާބެހޭ މާހިރުން ބުނީ އެއްބަސްވުމާ އެއްގޮތަށް ގައިދީން ބަދަލުކުރޭތޯ އަދި އެތައް ޒަމާނަކަށް ދެމިގެންގޮސްފައިވާ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށް މަޝްވަރާކުރުމަށް ދެ ފަރާތުންވެސް ހަޤީޤަތުގައިވެސް ތައްޔާރަށް ތިބިކަން ނުވަތަ ނޫންކަން ކުއިރަށްއޮތް ދުވަސްތަކުގައި ހާމަވެގެންދާނެކަމަށެވެ.