ޚަބަރު

އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް މުހިންމު ބިލްތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ - ޝިފާއު


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާޤާނޫނުތަކެއް މިދައުރުގައި ހުށަހެޅިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާއު ވިދާޅުވީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކުރިން އަންދާޒާކުރި ގޮތަކަށް ކަންކަން ނުދާކަމަށެވެ. އަދި މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓްގެ ޚަރަދުތައް ކުރުމަށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ކުޑަ މިންވަރެއް ނޫނީ ލިބިފައިނުވާއިރު، މިއީ މިއަދު އޮތް އެންމެބޮޑު ގޮންޖެހުން ކަމަށެވެ.

ޝިފާއު ވިދާޅުވީ އިޤްތިޞާދީ މިހާލަތުން އަރައި ގަތުމަށް ސަރުކާރުން ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ހުށަހަޅަންޖެހޭ ޤާނޫނުތައް ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްގެންވެސް އެކަން ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދީ މިހާލަތުން އަރައިގަތުމަށްޓަކައި މިދައުރުގެ ތެރޭގައި ސަރުކާރުން ހުށަހަޅާ 28 ބިލުގެ ތެރޭގައި އިޤްތިޞާދީ ކަންކަމަށް ޚާއްސަކުރެވިގެން ހުށަހަޅާ ބިލްތަކާއި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ބިލްތަކެއް ހުށަހެޅިގެންދާނެކަމަށް ޝިފާއު ވިދާޅުވިއެވެ.

"ދައުލަތުން ޚަރަދު ކުރަމުންދަނީ މަޖިލީހުން ފާސްކޮށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ނަމަވެސް މިއަދު ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކަނޑައެޅި ބަޖެޓާއި އެއްވަރަށް ޚަރަދުކުރަން މިއަދު ފައިސާއެއް ނެތްކަން. މިހާލަތުން އަރައިގަތުމަށް މުހިންމު ބިލްތަކެއް ސަރުކާރުން މިދައުރުގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ. އޭގެ ތެރޭގައި. ފޮރިން އިންވެސްޓްމަންޓް ބިލު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ބިލު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، އިންސޮލްވަންސީއާބެހޭ ބިލު އެބަހިމެނޭ" މެމްބަރު ޝިފާއު ވިދާޅުވި އެވެ.

މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއްކުރާތަން ނުފެންނަކަމަށެވެ. އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިޚްލާސްތެރި ނިޔަތެއްގައި މަސައްކަތް ކޮށްގެންކަމުގައި ޝިޔާމް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިތުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ލޯނު ދޫކުރުމާއި، ނަގާފައިވާ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރުކުރުން ހިމެނެއެވެ. ކޯވިޑް-19އާ ގުޅިގެން ބޮޑެތި ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިންވެސް ވަނީ 532 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އަދި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިހާތަނަށް 298.9 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ.