ޚަބަރު

ޑްރަގް ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި


އދ. ފެންފުށީ ގެއެއް ބަލައިފާސްކޮށް، ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށާއި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ. މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ދެ ކޮތަޅާއި، ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 536.2 ގްރާމްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިކަމަށް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ އދ. ފެންފުށއްޓާއި، މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސައްލޭ

ތިޔަ ހުރިހާ ތަކެތި އޭނަޔާ ހަމައަށް އައިގޮތް ތަހުގީގަށް ފަހު ނަމަވެސް ހާމަ ކޮއްދެއްވުން އެދެން. އަބަދުވެސް މިގޮތަށް މީހުން ހައްޔަރު ކުރާވާހަކަ އިވެނީ. އެތަކެތި ރާއްޖެއަށް އެތެރެ ކުރީ ކާކު ކިހިނެއް ކަމެއް ހާމަނުކުރަނީ ކީއްވެކަމެއް ނޭންގެ...