ޚަބަރު

މާލެސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ދިރިއުޅުމުގެ ޙާލަތަށް ހެޔޮ ބަދަލެއް


މާލެއާއި ވިލިމާލޭގެ މުނިސިޕަލް މަސައްކަތްތައް ބެލެހެއްޓުމުގައި ޢަމަލީގޮތުން މަސައްކަތްކުރަނީ މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ދުއިސައްތައެއްހާ ބިދޭސީ މުވައްޒަފުންނެވެ. މުސާރައާއި ދިރިއުޅުމުގެ ޙާލަތުގެ ދަތިކަމާއެކުވެސް އެމީހުން ގެންދަނީ ޚިދުމަތް ދިނުމުގައި މަސައްކަތްކުރަމުންނެވެ. ސަރުކާރާއި ސިޓީ ކައުންސިލް ގުޅިގެން މިހާރުމިވަނީ މުނިސިޕަލް މަސައްކަތުގައިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ލައްކައަކާ ގާތްކުރާ ޢަދަދަކަށް މާލޭގައި ބިދޭސީން ދިރިއުޅެމުންދެއެވެ. މީގެތެރެއިން އެތައް ބަޔަކީ ކުރާނެ މަސައްކަތެއްނެތި އުޅޭނެގޮތެއް ނެތި އުސޫލުތަކުން ބޭރުން އުޅޭ ނުވަތަ އުޅެން ޖެހިފައިވާ މީހުންނެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެބޮޑު އެއް އިޖުތިމާޢީ އަދި ޤައުމީ މައްސަލައެވެ. އެކި ކުންފުނިތަކުން އެކި ބޭނުންތަކުގެ ނަމުގައި ބިދޭސީން ރާއްޖެ ގެނެސް އެމީހުންލައްވައި މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދީ ދޫކޮށްލާފައިވާ އެތައް މައްސަލައެއް ވެއެވެ. ވާންވީގޮތެއް ހަދާނެގޮތެއް ނޭނގޭ އެތައް ބިދޭސީންނެއް މާލޭގެ މަގުތަކުގައި ގިނަވެފައި އެބަތިއްބެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމާއި ބިދޭސީންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިހާރުވަނީ އެތައް މަސައްކަތްތަކެއް ފަށާފައެވެ.

ބިދޭސީން ޤަވާޢިދަށް ފެއްތުމާއި، އަނބުރާ ޤައުމަށްދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދާދިނުމުގެ އިތުރުން ބިދޭސީން ގެންގުޅޭ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައްވެސް ސަރުކާރުންވަނީ ކަނޑައަޅާފައެވެ.
ބިދޭސީންލައްވާ މަސައްކަތްކުރުވާފައި މުސާރަނުދީ ގެންގުޅުމާއި، ތިބޭނެ ތަނެއް ނުދައްކައި ބިކަކޮށްގެން އުފެދުނު އެތައް މައްސަލަތަކެއްގައި އެތައް ފަހަރަކު ބިދޭސީން ހަމަނުޖެހުން އުފައްދައި މުޒާހަރާކޮށްފައިވެސް ވެއެވެ. މިއީ އެމީހުންގެ އިންސާނީ ކަރާމާތް ގެއްލޭގޮތަށް ބަޔަކު ޢަމަލުކުރުމުގެ ނަތީޖާކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މާލެއަށް ބަލާއިރު ޢާއްމުކޮށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ހުރިހާ ޚިދުމަތެއްހެން ފޯރުކޮށްދެނީ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނެވެ. މާލޭގެ މަގުތައް ބެލެހެއްޓުމާއި، ހާބަރުތަކާއި ޕާކުތައް ބެލެހެއްޓުމުގެ މަސައްކަތްވެސްކުރަނީ މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނެވެ.

ނަމަވެސް ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތައް ދާދިފަހަކާ ޖެހެންދެން ނުދީ ހިފަހައްޓާފައި އޮތުމާއި ބަޖެޓްގެ ދަތިކަމުގެ ސަބަބުން މުނިސިޕަލް ޚިދުމަތްދޭ ބިދޭސީ މުވައްޒަފުންގެ ދިރިއުޅުމުގެ ޙާލަތުވެސްހުރީ ވަރަށް ދަށްކޮށެވެ. ރަނގަޅު ބޯހިޔާވަހިކަމެއް ނެތުމާއި، މުސާރައާއި ކެއިންބުއިމުގެ ކަންކަންވެސް ގަވާއިދުން ކުރެވޭނެ ރަނގަޅު އުސޫލެއް ނެތި، ދިރިއުޅުމުގެ ކަންކަން ކުރިއަށްގެންދިއައީ ބޮޑެތި ދަތިތަކާއެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތުމާއެކު މިކަންކަން އިސްލާޙުކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ. އެންމެ މުހިންމުކަމަކީ ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތަކާއި އިޚްތިޔާރުތައް އަލުން ލިބުމެވެ.

މިއާއެކު މާލޭ ސިޓީ ކައުންސިލުން އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދިޔަ އެއް މަސައްކަތަކީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ޙާލަތު ރަނގަޅުކޮށްދިނުމުގެ މަސައްކަތެވެ. އެމީހުންގެ ހުށައެޅުމަކަށްވީ ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމާއި ކެއިންބުއިމާއި މުސާރަ ގަވާއިދުން ލިބޭނެ އުސޫލެއް ހަމަޖައްސައިދެއްވުމެވެ. މިހާރުވަނީ މިހެޔޮ ބަދަލުތައް ގެނެސްދެއްވާފައެވެ.

"އަޅުގަނޑުމެން މި ކަންބޮޑުވުން ކުރިންވެސް ކަމާބެހޭ ފަރާތްތަކަށް ހުށައަޅަމުން ދިޔައީ. ވަރަށް ލާއިންސާނީކޮށް އެމީހުންނާމެދު ކަންތައްކުރީ. ނިދާނެތަން، ކެއުން ވަރަށްދަތި. ވިއްސާރަވެހިއްޖެއްޔާ އޭގެ ގެއްލުންވޭ. އަލިފާނުގެ ޙާދިސާ ހިނގައިގެން މުދަލަށް ގެއްލުންވެފައި އެބަހުރި." މި މައްސަލައާއި ގުޅިގެން ޕީއެސްއެމްއާއި މަޢުލޫމާތު ޙިއްސާކުރަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

ކައުންސިލްތައް ހިންގުމުގެ ބާރުތަކާއި ބަޖެޓު ލިބުމާއެކު މާލޭ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ދިރިއުޅުމަށް ދެ ބިމެއްގައި ހުރި އެކަމަޑޭޝަން ބްލޮކްތަކެއް މަރާމާތުކޮށް މިހާރުވަނީ ބޭނުންކުރަންފަށާފައެވެ.

މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ ބިދޭސީންގެ ޙާލަތު ކުރިން އެހާ ގޯސްވެގެންދިޔައީ ކައުންސިލްގެ ބާރުތައް ނެގުމާއި މާލީގޮތުން ކައުންސިލަށް ކުރިމަތިވި ދަތިތަކުގެ ސަބަބުންކަމަށެވެ. އަދި އެކަން ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅުއްވުމާއެކު ކަންކަން އިސްލާޙުކުރައްވައި ލިބިދެއްވި ފުރުސަތާއެކު، މިހާރު ބިދޭސީންނަށްވަނީ އައު އެކަމަޑޭޝަން ބްލޮކްތަކެއް ހަދައި އެތަން ބޭނުންކުރަން ފަށާފައިކަމަށް މޭޔަރު ވިދާޅުވިއެވެ. މިއީ ކުރިން ބޭނުންކުރި ބްލޮކްތަކެއް މަރާމާތުކޮށްގެން ހަދާފައިވާ ބްލޮކްތަކެކެވެ.

"ރައީސްގެ އިރުޝާދާއެކު މިއަހަރު ކައުންސިލަށް ލިބުނު ފައިސާއިން، މިހާރު މިވަނީ އެމީހުންނަށް ރަނގަޅަށް ރީއްޗަށް ނިދައި ކައިބޮއެ އުޅެވޭނެގޮތް ހަމަޖައްސާފައި. ޢިމާދުއްދީން ފަހަތުގައި އޮތް ބްލޮކްގަވެސް 120 މުވައްޒަފުން އުޅޭ." ސިފާ ވިދާޅުވެއެވެ.

މީގެއިތުރަށް މާލޭގެ ޓޯޔަރޑް ކައިރީ އޮތް ބިމެއްގައިވެސްވަނީ ބިދޭސީންނަށް އެކަމަޑޭޝަން ބްލޮކެއް ހަދާފައެވެ. މޭޔަރު ވިދާޅުވީ ބިދޭސީ މުވައްޒަފުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހަމަޖައްސައިދިނުމުގެ އިތުރުން އެމީހުންނަށް ޔުނީފޯމް ހޯދުމާއި އަދި އެއީ ކޮންތަނެއްގެ މުވައްޒަފުންނެއްކަން އަންގައިދޭ ކާޑުވެސް ދެމުންދާކަމަށެވެ.