ދުނިޔެ

އެމެރިކާގެ ގަވަރުނަރަކު ރަހީނުކުރުމަށް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށް ދައުވާކޮށްފި


އެމެރިކާގެ މިޝިގަން ސްޓޭޓުގެ ގަވަރުނަރު ރަހީނުކޮށް ކެޕިޓޮލް އިމާރާތައް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި 13 މީހުން ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ، އެފްބީއައިއިން ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ޑިމޮކުރަޓެއްކަމަށްވާ މިޝިގަން ސްޓޭޓުގެ ގަވަރުނަރު ގުރެޝެން ވިޓްނާ ރަހީނުކުރުމަށް ބަޔަކު ރާވަމުންދިޔަކަމަށެވެ. މިޝިގަން ސްޓޭޓުގެ ބަންޑާރަ ނައިބު ޑާނާ ނެސެލް ވިދާޅުވީ މި މީހުން ރާވާފައިވަނީ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި އާންމުންގެ ތެރެއިން ބައެއް މީހުންގެ ފުރާނައަށް ނުރައްކާވާ ހަމަލާތަކެއް ދިނުމަށެވެ.

ކެޕިޓޮލް އިމާރާތައް ޙަމަލާ ދިނުމުގެ ރޭވުންތަކުގައި ބައިވެރިވި ހަތް މީހަކަށް ނިރުބަވެރިކަމަށް ވާގިވެރިވުމުގެ ދަޢުވާކޮށް ގަވަރުނަރު ވިޓްމާ ރަހީނުކުރުމަށް ރާވަމުންދިޔަ ހަ މީހަކަށް މިހާރުވަނީ ދަޢުވާކޮށްފައެވެ. އެ 13 މީހުންގެ ތެރެއިން 7 މީހުންނަކީ ހަނގުރާމަވެރި ޖަމާޢަތް ވުލްވަރިން ވޮޗްމެންއާ ގުޅުންހުރި މީހުންކަމަށް ބަންޑާރަ ނައިބުވަނީ ވިދާޅުވެފައެވެ.

ނެސެލް ވިދާޅުވީ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ބިރުދައްކާ ޙަމަލާދޭނެކަމުގެ އިންޒާރުދިނުމަށް އެ ފަރާތްތައް ދިރިއުޅޭ ތަންތަން ދެނެގަތުމަށް އެމީހުން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި މިޝިގަންގެ ކެޕިޓޮލް އިމާރާތައް ޙަމަލާދީ ސަރުކާރުގެ އިސް ފަރާތްތައް ރަހީނުކުރުމަށް ރާވައި އެކަމަށް ތަމްރީނުތައް ހަދާ ތައްޔާރުވަމުން ދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިޓްމާވަނީ ސިޔާސީ ހައްދުފަހަނަ އެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިތްވަރުދެއްވާކަމަށް ތުހުމަތުކުރައްވާފައެވެ. ދޮން ނަސްލުގެ މީހުންނަކީ އެހެން އިންސާނުންނަށްވުރެ މޮޅު ބައެއްގެ ގޮތުގައި ދެކޭ ވައިޓު ސުޕުރީމިސްޓުންގެ ޢަމަލުތައް ކުށްވެރިކުރުމަށް މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ ބަހުޘްގައި ރައީސް ޓްރަންޕު ދެކޮޅުހައްދަވާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ޤައުމުގެ އިސްވެރިން ނިރުބަވެރިންނާ ބައްދަލުކޮށް އެމީހުންގެ އަމަލުތަކަށް ހިތްވަރުދޭނަމަ އެހާހިސާބުން އެފަދަ ޢަމަލުތައް ކުރުމަށް ޤައުމުގެ އިސްވެރިންނަށް ޙުއްދަދެވެނީކަމަށެވެ.

ވިޓްމާގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޓްރަންޕު ވިދާޅުވީ ގަވަރުނަރުގެ މަސްޢޫލިއްޔަތު ޢަދާކުރެއްވުމުގައި ވިޓްމެން ރަނގަޅަށް މަސައްކަތްކުރައްވާފައި ނުވާކަމަށާއި އެމަނިކުފާނުގެ ސަރުކާރާއި ސަލާމަތީ ބާރުތަކުން ވިޓްމާ ރަހީނުކުރުމަށް ކުރި މަސައްކަތަށް ހުރަސްއެޅުމުން އެކަމަށް އެކަމަނާ ޝުކުރުވެރިނުވާކަމަށެވެ.