ދުނިޔެ

އިންޑިޔާގެ ކާބޯތަކެއްޗާއި ބެހޭ ވަޒީރު އަވަހާރަވެއްޖެ


ދިނަ ދުވަސްތަކެއް ވަންދެން ހަސްފަތާލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އިންޑިޔާގެ ކާބޯތަކެއްޗާއި ބެހޭ ވަޒީރު ރާމް ވިލަސް ޕަސްވަން އަވަހާރަވެއްޖެއެވެ.

އުމުރުން 74 އަހަރުގެ ވަޒީރު ޕަސްވަން ހަސްފަތާލުގައި އެނދުމަތިކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. އަދި އޮކްޓޯބަރު މަހުގެ 4ވަނަ ދުހުވަހުގައިވަނީ ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައެވެ. އޭނާ އަވަހާރަވިކަމުގެ ޚަބަރު ޓްވިޓާގައި އިޢުލާނުކޮށްފައިވަނީ ދަރިކަލުން ޗިރަގް ޕަސްވަންއެވެ.

ވަޒީރު ޕަސްވަން އަވަހާރަވުމުން ކުރެއްވި ޓްވީޓެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ ވަޒީރު އަވަހާރަވިކަމުގެ ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންފައިވާކަމަށާއި އޭނާ އަވަހާރަވުމާއި ގުޅިގެން ފޫނުބެއްދޭވަރުގެ ޤައުމަށް ހުސްކަމެއް އައިސްފައިވާކަމަށެވެ.

ކާބޯތަކެތީގެ ވަޒީރުކަން ކުރެއްވި މުއްދަތުގައި ޕަސްވަންވަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދުނިޔޭގެ އެންމެ ބޮޑު ޚަރަކާތުގެ ކަންކަން ބަލަހައްޓަވާފައެވެ. ބިލިއަން ޑޮލަރުގެ އެ ޙަރަކާތުގެ ދަށުން އިންޑިޔާގެ އެތައް މިލިއަން ފަޤީރުންނަށްވަނީ ހަނޑުލާއި ގޮވާމުގެ ބާވަތްތައް ފޯރުކޮށްދީފައެވެ. ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ ޕަސްވަންވަނީ އިންޑިޔާގެ ގިނަ ބޮޑުވަޒީރުންތަކަކާއެކު މަސައްކަތްކުރައްވާ، އެ ޤައުމުގެ އެކި ދާއިރާތަކުގެ ވަޒީރުކަން ކުރައްވާފައެވެ.