ޚަބަރު

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރަން ނިންމީ ޤާނޫނާ ޚިލާފަށް، ހައިކޯޓުގެ ޙުކުމަށް ސުޕްރީމް ކޯޓުން ތާޢީދު ކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އެކައުންޓުތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން އެ އެކައުންޓުތައް ދޫކޯށްލުމަށް ހައިކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ތާޢީދުކޮށްފިއެވެ.

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމުން ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ރައިސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލުމަށް ޙުކުމް ކޮށް ކްރިމިނަލް ކޯޓުގެ ޙުކުމ ްބާޠިލު ކޮށްފައެވެ. ހައިކޯޓުގެ ޙުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި މިމައްސަލައިގެ އިސްފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ ބޭންކުތަކުގެ ޤާނޫނާއި، ޖިނާއީ އިޖުރާތުގެ ޤާނޫގެ ދަށުން ރައީސް ޔާމީންގެ 8 އެކައުންޓް ފްރީޒް ކޮށްދެވެން ނެތްކަމަށެވެ.

މި މައްސަލައިގެ ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުޢޫދު ވިދާޅުވީ ފުލުހުން 13 ޑިސެމްބަރުގައި ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން އެދުނު ސަބަބެއްކަމަށް އެދިފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުންހުރި ފައިސާ ނުހިފަހައްޓައިފިނަމަ އެ ފައިސާއިން މާލީ މަންފާއެއް ހޯދުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެ ކަމަށް ބެލެވޭތީއާއި ދައުލަތައް ލިބެންޖެހޭ ފައިސާ ގެއްލިގެން ހިނގައިދާނެކަމުގެ ފުރުޞަތު އޮތްކަމަށް ފުލުހުންގެ ތަޙްޤީޤަށް ފެންނާތީކަމަށެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތްކަން އެއްވެސް އަޑުއެހުމެއްގައި ފުލުހުން ބަޔާންކޮށްފައި ނުވާކަމަށާ އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ނުފެންނަކަމަށެވެ. މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާވެސް ވަނީ މި މައްސަލައިގައި ހުސްނުއްސުޢޫދުގެ ރައުޔަތް ތާއީދު ކުރައްވާފައެވެ.