ޚަބަރު

މިސަރުކާރު އައިފަހުން 1 ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ނައްތާލާފައި: މިނިސްޓަރ އިމްރާން


މަސްތުވާތަކެއްޗާބެހޭ ޤާނޫނު އައުމުގެ ކުރިން ނައްތާލެވިފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށާއި، ނަމަވެސް މިސަރުކާރުން އެކަނިވެސް މިހާތަނަށް އެއްޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާލުވީ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި މިއަދު ހެނދުނު އޮތް ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮޕް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން މިފަހަރު ނައްތާލި ތަކެތީގެ ތެރޭގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތީގެ އިތުރުން އެފަދަ މައްސަލަތަކާއި ގުޅިގެން ފުލުހުން ހެކީގެ ގޮތުގައި ހޯދާފައިވާ ގިނަ ޢަދަދެއްގެ ތަކެތިވެސް ނައްތާލާފައިވެއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި މިހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އައުމަށްފަހު މިސަރުކާރު އައުމާއި ހަމައަށް ނައްތާލާފައިވަނީ 32 ކިލޯގެ މަސްތުވާތަކެތިކަމަށެވެ. ނަމަވެސް މިސަރުކާރުު އައިސް މަސްތުވާތަކެއްޗާއި ދެކޮޅަށްކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މިހާތަނަށް ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިސަރުކާރުން އެއް ޓަނަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައިވާކަން މިނިސްޓަރ އިމްރާން ފާހަގަކުރެއްވިއެވެ.

"2011 ވަނަ އަހަރު މަސްވާތަކެތީގެ ޤާނޫނު އައިފަހުން މިސަރުކާރު އައުމާއި ހަމައަށް ނައްތާލެވިފައިވަނީ 32 ކިލޯގެ މަސްތުވާތަކެތި. އެހެންނަމަވެސް މިދިޔައަހަރު ޕޮލިސް ސާރވިސްގެ ކޮމިޝަނަރުކަމަށް ސީޕީ ހަމީދު ޙަވާލުވެވަޑައިގެންނެވިފަހުން މިސަރުކާރުގެ ސިޔާސަތުގެ ދަށުން މަސްތުވާތަކެތި އަވަހަށް ނައްތާލުމަށް ވަރަށް ބޮޑު ޕްރޮޖެކްޓެއް ފަށައި، 2019 ވަނަ އަހަރުގެ ޖޫންމަހުން ފެށިގެން މިކުރެވުނު މަސައްކަތުން މިއަދު މިނައްތާލި ތަކެއްޗާއެކު މިނައްތާލެވުނީ 1 ޓަނާއި 1 ސަތޭކަ ހަކިލޯގެ މަސްތުވާތަކެތި." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވަރަށް ގިނަބަޔަކު ހައްޔަރުކުރެވުނުނަމަވެސް ޝަރުއީ މަރުހަލާގެ ތެރެއިން އެމީހުން ދޫވެގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށެވެ. އެގޮތުން އެފަދަ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫވެގެން ދިއުމަކީ މުޅި މުޖުތަމަޢުއަށް އެކަމުގެ ސަބަބުން ބޮޑު ނުރައްކަލެއް އޮތްކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޝަރުޢީ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެވެންހުރި މަގުތައް ބަންދުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ އާދެ ވިޔަފާރިވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސިޔާސީ ޕާޓީތަކާއި، އޭގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތައް ވަރަށް އެކުވެރިކަމާއެކު މަސައްކަތްކޮށްގެން. ކޯޓުގެ މަރުހަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިސްފަރާތްތަކުން އެކިގޮތްގޮތުން ސަލާމްތވެގެންދާ ދިއުމަކީ އަޅުަގަނޑުހިތުން މުޖުތަމަޢުއަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް. އެހެންކަމުން ޝަރޔޢީ މަރުހަލާގަ މަސްތުވަތަކެތީގެ ވިޔަފާރިކުރާ މީހުން ސަލާމަތްވެގެން ދިއުމަށ ްހުރި މަގުތައް ބަންދުކުރުމަށް މުޅި މުޖުތަމަޢު މަސައްކަތްކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ރާއްޖޭގައި ހިނގާ ކުށްތަކުގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާއި ގުލުންހުރި ކުށްތައްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތި މުޖުތަމަޢުން ނެތިކޮށް އެތަނެތި ބޭނުންކުރާ ޒުވާނުން ރިހިބިލިޓޭޓްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއްކުރައްވާކަމަށާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށެވެ. އެހެންކަމުން މުޅި މުޖުތަމަޢުގެ އެއްބާރުލުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ޚާއްޞަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އަދި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމުގެ ބައެއް މީހުންނަށްވެސް މަސްތުވާތަކެތި ނައްތާލުން ދައްކާލާފައިވެއެވެ.