ޚަބަރު

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފައިދާއެއް މަސްވެރިންނަަކަށް ނެތް: މިނިސްޓަރ އަމީރު


ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ހަދަންޖެހޭ އެއްވެސް ޤާނޫނެއް ހަދާއިފައި ނެތުމުން، އެ އެއްބަސްވުމުގެ ފައިދާއެއް މަސްވެރިންނަށް ނުކުރާކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވަނީ ދިވެހި ސަރުކާރާއި ޗައިނާއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ނުލިބެނީ ކީއްވެތޯ ފިނޭންސް މިނިސްޓަރާއި ސުވާލުކު ދަންނަވާފައެވެ. މިސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ކުރީ ސަރުކާރުން ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ހިނގާނީ އެއެއްބަސްވުމާއި ގުޅޭ ޤާނޫނުތަކެއް މަޖިލީހުން ފާސްކޮށްގެންކަމަށެވެ. އަދި އެއްބަސްވުމުން މަސްވެރިންނަށްވެސް ފައިދާއެއް ނުކުރާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ނެތްކަމަށް އަޅުގަނޑު ދެކެން. މިހާރު އެފްޓީއޭގައި ސޮއިކޮށްފައި އޮތަސް އޮޕަރޭޝަނަލައިޒް ވާނީ މިމަޖިލީހުން އިތުރު ގުޅޭ ޤާނޫނުތަކެއް ހަދައިގެން. އެއީ މިމަޖިލީހުގެ ޒިންމާއެއް. އަދި މިހާތަނަށް ބެލިބެލުމުގައި މަސްވެރިންނަށް މާބޮޑު ފައިދާއެއް ވާނެކަމަކަށް ނުބެލެވޭ".ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާގެ އެއްބަސްވުމަށް އިޝާރާތްކުރައްވާ މަޖިލީހުގެ ރައީސް ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އެފަދަ އެއްވެސް އެއްބަސްވުމެއް ނެތްކަމަށެވެ. އަދި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އެއްވެސްވަރަކަށް ބޭނުންނުވާކަންވެސް ހާމަވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

"މި އާރޓިކަލްގެ 65 ގައި މިބުނަނީ އެގްރީމަންޓް އުފެއްދޭތާ 30 ދުވަހުގެ ތެރޭގައި މިދެފަރާތުން، ދިވެހިރާއްޖޭގެ ފަރާތުންވެސް ޗައިނާގެ ފަރާތުންވެސް އެތެރޭގައި ހުރި އެގްރިމަންޓްތައް ޤާނޫނުތައް ނިންމާފައި އެ ޤާނޫނުތަކުގެ މަޢުލޫމާތު ދެފަރާތުން ބަދަލުވީމައޭ އެގްރީމަންޓަކަށް ބަދަލުވެގެންދަނީ. ދެފަރާތުން ބަދަލުވީމައޭ އެގްރީމަންޓަކަށް ބަދަލުވެގެންދަނީ. އަމަލުކުރާ އެގްރީމަންޓަކަށް ބަދަލުވަމުންދަނީ. ދެފަރާތުން އެއްބަސްވެފައިވަނީ އެއަށްފަހު އަދި އެތައް މަސައްކަތެއްކުރާގޮތަށް. ރައީސް ޔާމީން އެއްގޮތަކަށްވެސް ކުޑަކޮށްވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނަވާތީވެ".މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ފެންނަން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ފެންނަން ނެތްކަމަށާއި، އޭގެ ތަފްސީލް ހޯއްދަވަމުން އަންނަކަމަށެވެ.

ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައިވަނީ، 2017ވަނަ އަހަރުގެ ޑިސެމްބަރު 7ވަނަ ދުވަހުއެވެ. މި އެއްބަސްވުން ހިމެނޭގޮތުން 12 އެއްބަސްވުމެއް ކުރީގެ ސަރުކާރުން ޗައިނާއެކު އެކުލަވާލާފައިވެއެވެ.