ޚަބަރު

ކަރަންޓީނަށްފަހު މަޖިލީހުގެ ރައީސް ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި


އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރަންޓީން މުއްދަތު ހަމަކުރައްވާ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފިއެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާގޮތުން ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ކޮންމެ މީހަކުވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރުމަށްފަހު ކޯވިޑް-19އަށް ޓެސްޓްކުރަންޖެހޭނެއެވެ. އަދި ކޯވިޑް-19އަށް ނެގެޓިވްވެއްޖެނަމަ އެމީހަކު ކަރަންޓީނުން ވީއްލޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނުގެ ކަރަންޓީން މުއްދަތު ހަމަވެފައިވަނީ އިއްޔެއެވެ.

ރައީސް ނަޝިދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައިވާއިރު، އެމަނިކުފާނު ބާއްވަވާ ޕްރެސްކޮންފަރެންސް މިރޭ 20:10 ގައި މަޖިލީހުގެ އިދާރާގައި އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފައްޓަވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.