ދުނިޔެ

މިއަހަރު ނިމުމުގެ ކުރިން ވެކްސިނެއް ލިބޭނެކަމުގެ އުންމީދު ބޮޑު: ޑަބްލިއުއެޗްއޯ


މި އަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިނެއް ލިބޭނެކަމަށް ބެލެވޭކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ދެ ދުވަހަށް ދެމިގެންދިޔަ ޑަބްލިއުއެޗްއޯގެ ބޯޑުގެ ބައްދަލުވުމެއްގައި އެ އިދާރާއިންވަނީ ކޯވިޑް-19އާ ދެކޮޅަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުންތަކުގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމެނޭގޮތަށް ބައެއް ޤައުމުތަކުންވަނީ ޑަބްލިއުއެޗުއޯއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައިފައެވެ.

ބޯޑުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އެދަނަމް ގެންރިއޭސުސްވަނީ ކޯވިޑް-19އާ ދެކޮޅަށް މަސައްކަތްކުރާ ވެކްސިނަކަށް މުޅި ދުނިޔެއިން ބޭނުންޖެހިފައިވާކަމަށް ވިދާޅުވެ، ވެކްސިނެއް ތައްޔާރުވުމުން މުޅި ދުނިޔެއަށް އެ ވެކްސިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ޤައުމުތަކުގެ ފަރާތުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ވެކްސިނެއް އުފެއްދޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ހުރިހާ ޤައުމަކަށް ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއް ލިބޭނެކަން ޔަޤީންކުރުމަށް ޑަބްލިއުއެޗުއޯއިން އިސްވެ އުފައްދާފައިވާ ކޯވެކްސް ފެސިލިޓީއިންދަނީ ނުވަ ވެކްސިނެއް ދިރާސާކުރަމުންނެވެ. ކޯވެކްސްގެ އަމާޒަކީ 2021ވަނަ އަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިނެއްގެ ދެ ބިލިއަން ޑޯޒް ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ފޯރުކޮށްދިނުމެވެ.