ޚަބަރު

ފުރަތަމަ ހަމަސްދުވަހުގެ ރިޕޯޓް ހުށަނާޅާ 100 ރަށު ކައުންސިލެއް


ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހޭ ރިޕޯޓް ހުށަނާޅާ 100 ރަށު ކައުންސިލެއް ވާކަން އެލްޖީއޭއިން ހާމަކޮށްފިއެވެ.

އެލްޖީއޭއިން އާންމުކޮށްފައިވާ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގައި ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލާއި، ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ރިޕޯޓް ހުށަހަޅާފައެވެ.

އަތޮޅު ކައުންސިލްތަކުގެ ތެރެއިން 15 އަތޮޅު ކައުންސިލަކުން ރިޕޯޓް ހުށަހަޅާފައިވެއެވެ. އަދި 79 ރަށު ކައުންސިލަކުން ވަނީ މި މުއްދަތުގައި ރިޕޯޓް ހުށަހަޅާފައެވެ. މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވަނީ 5 އަތޮޅު ކައުންސިލަކާއި، 100 ރަށު ކައުންސިލަކުންނެވެ.

ލާމަރުކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ފޮނުވަންޖެހެއެވެ. އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.