ޚަބަރު

މަޖިލީހުގެ ތަޅުމުގައި ޕާޓީތައް ވަކިން ތިބޭގޮތަށް ކޮމިޓީން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ތަޅުމުގައި ތިއްބަވާ ތަރުތީބަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ބަދަލުކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީ މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރި ބަހުސްގައި މެމްބަރުންވަނީ އެކި ޚިޔާލް ފާޅުކުރައްވާފައެވެ. ބައެއް މެމްބަރުންވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްގެ ކަންކަން ބައްޓަން ކުރުމަށް މެމްބަރުންވަނީ މަޝްވަރާކޮށްފައެވެ. ކޮމިޓީގެ ގިނަ މެމްބަރުންވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް ފެންނަކަމަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފައެވެ.

އާންމު ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ ކޮމިޓީގެ މަސައްކަތް ނިންމާ ރިޕޯޓް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ތަޅުމުން މިކަމުގައި ވަކިގޮތެއް ނިންމިގެންދާނެކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެެމްބަރުން އެއްކޮށް ތިއްބަވާގޮތަށް ބަދަލު ގެނައުމުން މެމްބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ. އަދި މި ބަދަލު ގެންނައިރު ކަންކަން ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމަކީ ރަނގަޅު ކަމެއްކަމަށް ކޮމިޓީގެ މެމްބަރުން ވެސް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ ތިއްބަވާ ގޮތަށް ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދާއިރު މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.