ޚަބަރު

އުތުރާއި ދެކުނު ގޮފިން މިހާތަނަށް 190 މައްސަލަ ނިންމާ ޙުކުމްކުރި: ހައިކޯޓް


އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމްކުރެވުނުފަހުން އެގޮފިތަކުން 190 މައްސަލައިގެ ޝަރީޢަތްތައް ބާއްވައި ޙުކުމްކޮށްފައިވާކަމަށް ހައިކޯޓުން ހާމަކުރައްވައިފިއެވެ.

ދިވެހިރާއްޖޭގައި ހައިކޯޓް އުފެދުނުތާ 40 އަހަރުފުރުމާއި ގުޅިގެން އެކޯޓުން ނެރުނު ސަޕްލިމަންޓްގައި ބަޔާންކޮށްފައި ވަނީ، ހައިކޯޓުގެ އެންމެ މުހިއްމު އަމާޒަކީ ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ވާސިލްވެވޭނެ ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން 4 ދާއިރާއަކަށް އަމާޒުކޮށްގެން މަސައްކަތްކުރަމުންދާކަމަށާއި، އެއީ ކޯޓަށް ވާސިލްވެވޭނެ ފަސޭހަ ގޮތްތައް ފަހިކޮށްދިނުމާއި، ޓެނޮލޮޖީގެ ގޮތުން ޚިދުމަތްތައް އަވަސްކޮށް ލިބޭނެ ގޮތް ހެދުމާއި، ކޯޓުގެ އެތެރޭގެ ހިންގުން ލިޔެވިގެން ވަކި ހަމަތަކަކާއި ސްޑޭންޑަޑްތަކެއް ކަނޑައެޅިގެން ކުރިއަށް ގެންދިއުމާއި، ކޯޓުގެ މުވައްޒަފުންނަކީ ފަންނީގޮތުން ފެންވަރު ރަގަޅު ޚިދުމަތް ދިނުމަށް ގާބިލް އުފަލާ އެކު ރައްޔިތުންނަށް ޚިދުމަތްކުރާ ބަޔަކަށް ހެދުންކަމަށް އެކޯޓުން ވިދާޅުވެއެވެ.

ހައި ކޯޓުގެ މަސައްކަތްތައް ހަލުވިކޮށް ފެންވަރު ރަގަޅު ޚިދުމަތެއް ދިނުމުގެ ގޮތުން ޓެކްނޮލޮޖީގެ ރޮގުންނާއި މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުމާއި އެތެރޭގެ ނިޒާމްތައް ހަރުދަނާ ކުރުމުގެ ގޮތުން ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އެމުއްދަތުގެ ތެރޭގައި 30 ފަނޑިޔާރުން ކޯޓަށް ޚިދުމަތްކުރައްވާ ގިނަޢަދައްގެ މައްސަލަ ނިންމާފައިވާކަމަށް ހައިކޯޓުން ވިދާޅުވެއެވެ. ހައިކޯޓުގެ ޚިދުމަތްތައް މުޅިރާއްޖެއަށް ދިނުމުގެ އެންމެ ބޮޑު އެއްކާމިޔާބަކީ 2005 ވަނަ އަހަރު ކޯޓުގެ ޝަރުޢީ ވަފުދަކުން ފުރަތަމަފަހަރަށް އައްޑޫސިޓީ ހިތަދޫއަށް ގޮސް މައްސަލައެއް ހިންގުންކަމަށްވެސް އެކޯޓުގެ ސަޕްލިމަންޓްގައި ބަޔާންކޮށްފައިވެއެވެ. އަދި އުތުރާ ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމްކުރެވި އެގޮފިތަކުން 190 މައްސަލައިގެ ޝަރީޢަތްތައް ބާއްވައި ޙުކުމްކޮށްފައިވާކަމަށްވެސް ހައިކޯޓުން ވަނީ ހާމަކުރައްވާފައެވެ.

ރައްޔިތުންނާ ގާތުން އަވަސް އަދި ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ޓެކްނޮލޮޖީގެ ގޮތުން ހައިކޯޓުން ފާއިތުވި 40 އަހަރު ދުވަހު މުހިއްމު މަރުޙަލާތައް ކަޑައްތު ކޮށްފައިވާކަމަށާއި، އެގޮތުން ވީޑިއޯ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގަން ފެށުމާއި، ކޯޓުގެ އެތެރޭގެ އިދާރީ މަސައްކައްތައް މޯލްޑިވްސް އީ ކޯޓު މެނޭޖްމަންޓް ސިސްސަޓަމް މެދުވެރިކޮށް ކުރަން ފެށުން ހިމެނެކަން އެކޯޓުން ފާހަގަކުރައްވައެވެ.

އަދި މިއަހަރު ތެރޭގައި ކޯޓުގެ ޝަރީއަތުގެ މަރުހަލާ ޓެކްނޮލޮޖީގެ ޒަރީއިން ފުރިހަމަ ކުރުމަށްޓަކައި ކޯޓު މޮޑިއުލް ބޭނުންކުރަން ފެށުމަށް މަސައްކަތްކުރުމާއި، ކޯވިޑް-19 އާއި ގުޅިގެން ދިމާވި ޙާލަތުގައި ކޯޓުގެ ޚިދުމަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޝަރީއަތްތައް އޮންލައިންކޮށް ބާއްވަން ފެށުންވެސް އެކޯޓުން ފާހަގަކުރައްވައެވެ. މީގެ އިތުރުން ހައިކޯޓުގެ ޓްވިޓާ އެކައުންޓަކީީ ރާއްޖޭގެ ޝަރުޢީދާއިރާއިން އެންމެ ފުރަތަމަ ވެރިފައިޑް އެކައުންޓަކަށް ހެދިފައިވާކަންވެސް އެކޯޓުން ވަނީ ފާހަގަކުރައްވާފައެވެ.