ދުނިޔެ

ޞިއްޙީ މާހިރުން ރައްކާތެރިކަމަށް ބުނެފިނަމަ ބަހުޘްގައި ބައިވެރިވާނަން: ބައިޑަން


ޞިއްޙީ މާހިރުން ރައްކާތެރިކަމަށް ބުނެފިނަމަ އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުޘްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕާ ދެކޮޅަށް ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ވިދާޅުވެއެޖެއެވެ.

ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުވަނީ އިޢުލާނުކުރައްވާފައެވެ. އޭގެ ފަހުން ވޮލްޓާ ރީޑް އަސްކަރީ ހަސްފަތާލުގައި އެނދުމަތިކޮށް ރައީސް ޓްރަންޕަށް ވަނީ ތިން ދުވަސްވަންދެން ފަރުވާދީފައެވެ. މިހާރު އެމަނިކުފާނުވަނީ އެނބުރި ވައިޓް ހައުސަށް ވަޑައިގެންފައެވެ. ހަސްފަތާލުން ދޫކޮށްލިކަމުގައި ވިޔަސް ރައީސް ޓްރަންފަށް ދެމުންދާ ފަރުވާ ކުރިއަށް ގެންދާނެއެވެ. މިވަގުތު އެމަނިކުފާނުދަނީ ފަސް ދުވަހުގެ މުއްދަތަށް ރެމްޑެޒިވާ ނަކަމަށް ކިޔާ ބޭހެއް ބޭނުންކުރައްވަމުންނެވެ.

ކޯވިޑް-19ޖެހޭ މީހުން އާންމުގޮތެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާންޖެހެއެވެ. ރައީސް ޓްރަންޕްގެ ޙާލުކޮޅާއި ގުޅޭ ގޮތުން ރަސްމީ އެކި ފަރާތްތަކުން އެކި ގޮތަށް ވާހަކަ ދައްކަވާތީ އެމަނިކުފާނުގެ ޞިއްޙަތަށް އޮތީ ކިހާ ބޮޑު ނުރައްކަލެއްކަމަށް ސާފެއް ނުވެއެވެ.

ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އެނގުމުން ފްލޮރިޑާ ސްޓޭޓުގެ މަޔާމީގައި ބޭއްވުމަށް ތައްޔާރުވަމުންދާ ރިޔާސީ ބަހުޘްގެ ދެވަނަ ބުރު ތާވަލާ އެއްގޮތަށް ކުރިއަށްދާނެކަމާއި މެދުވަނީ ސުވާލު އުފެދިފައެވެ. މިދިޔަ ހަފުތާގައި ރައީސް ޓްރަންޕާއެކު ރިޔާސީ ބަހުޘްގެ ފުރަތަމަ ބުރުގައި ބައިވެރިވެވަޑައިގެން ބައިޑަންވެސްވަނީ ރައީސަށް ކޯވިޑް-19 ޖެހުމުން ބައްޔަށް ތަހުލީލުކޮށްފައެވެ. ނަމަވެސް އޭނާގެ ތަހުލީލުތައްވަނީ ނެގެޓިވް ވެފައެވެ.

ބަހުޘާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ބަހުޘްގައި ބައިވެރިވުމަކީ ރައްކާތެރިކަމެއްކަމަށާއި ދެ ބޭފުޅުންގެ ދެމެދުގައި ހުންނަ ދުރުމިނަކީ އެކަށީގެންވާ ދުރުމިނެއްކަމަށް ސައިންސުވެރިން ބުނެފިނަމަ ބަހުޘްގައި ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އޭނާ ޢަމަލުކުރައްވާނީ ކަމާބެހޭ މާހިރުންގެ ލަފާގެ މަތިންކަމަށް ބައިޑަން ވިދާޅުވިއެވެ.

އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި ކޯވިޑް ފެތުރެން ފެށުމުން އެއީ އެހާ ނުރައްކާތެރި ބައްޔެއްނޫންކަމަށް ވިދާޅުވެ ރައީސް ޓްރަންޕު ވަނީ އެތައް ތަނެއްގައި ވާހަކަފުޅު ދައްކާވަފައެވެ. އަދީ މާސްކު އެޅުމާއި ގުލޭގޮތުންވެސް ސިއްހީ މާހިރުން ދެއްވި ލަފާތަކާއި ހިލާފަށް ބައެއް ވާހަކަފުޅު ޓަރަންޕް ދައްކާވާފައިވއެވެ.

މިހާތަނަށް އެމެރިކާގެ 7.4 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 209،000 މީހުން އެ ބަލީގައި މަރުވެފައިވާތީ، ބަލީގެ ނުރައްކާތެރިކަމަށް އަދި ރައްޔިތުންގެ ފުރާނައަށް ވަމުންދާ ގެއްލުމަށް މާ ބޮޑު ސަމާލުކަމެއް ރައީސް ޓްރަންޕު ނުދެއްވާކަމަށް ބައިޑަންވަނީ ތުހުމަތުކުރައްވާފައެވެ.