ޚަބަރު

އެއްވެސް މީހަކަށް އަނިޔާވެރިނުވެ، ރައްޔިތުންގެ ހައްގުތައް ހޯދައި ދޭނަން: މިނިސްޓަރ އިމްރާން


އެއްވެސް މީހަކަށް އަނިޔާވެރި ވުމެއްނެތި ޢަދުލުވެރިކަމާއި އެކު ރައްޔިތުންގެ ހައްގުތައް ހޯދައި ދެއްވާނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގައި 20 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމާއި ގުޅިގެން 2015 ވަނަ އަހަރުގެ "މޭ ޑޭ"ގައި ކުރި މުޒާހަރާގެ ހަނދާންތައް އައު ކުރައްވައި، މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރުވެސް މަގުތަކަށް ނިކުމެ އަޑު އުފުއްލަވަމުން ގެންދެވީ، ރައްޔިތުންގެ ހައްގުތަކާއި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަށް ކަމަށެވެ. އަދި އޭރުވެސް ވިދާޅުވަމުން ދިޔައީ އަނިޔާވެރި ނުވެ އަދުލުވެރިކަމާއިއެކު ކަންކަން ކުރުމަށް ކަމުގައެވެ.

"އެދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތައް އަރަނީ ﷲގެ ކުޅަދުންވަންތަކަން. އޭރުވެސް ދެންނެވިން އަދި މިހާރުވެސް މި ދަންނަވަނީ އެއްވެސް މީހަކަށް އަޅުގަނޑުމެން އަނިޔާވެރިއެއް ނުވާނަން. ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ހޯދައި ދޭނަން" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

މޭ ޑޭ ގައި މަގުތަކަށް ނިކުންނަން ޖެހުނީ އޭރުގެ ސަރުކާރުގެ އިސްވެރިން ދައުލަތުގެ ފައިސާ، ރައްޔިތުންގެ މިލްކިއްޔާތަށް ޚިޔާނާތްތެރިވެ ނުހައްގުން މުއްސަދިކަން ހޯދާތީ އެކަމާއި ދެކޮޅަށް އަޑުއުފުލުމަށް ކަމަށެވެ. އެދުވަހު ކުރި މަސައްކަތުން މިއަދާއި ހަމަޔަށް މިކަމުގައި ޝާމިލުވި މީހުންނަށް ޤާނޫނީ އިމުގެ ތެރެއިން ކަނޑައަޅަންޖެހޭ އަދަބު ކަނޑައެޅިގެންދާކަމީ އިންސާފު ޤާއިމްވެގެންދާ ކަމުގެ ހެއްކެއް ކަމުގައި މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މޭ ޑޭ 2015 ގައި އެތައް ބައިވަރު ރައްޔިތުންނާއިއެކު މަގުމައްޗަށް ނިކުމެ އަޅުގަނޑުމެން ދެއްކީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަވާހަކަ. މިއަދު އެކަމުގަ ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއިއެކު ޝަރީއަތަށް އެކަންކަން އެދަނީ ސާބިތުވަމުން" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ރޭ ވަނީ ހުކުމްކޮށްފައެވެ.

އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޓޫރިޒަމް ސިނާއަތް ކޮޅަށްޖެހީ ރަށްތައް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދައިގެންކަމަށް އަދީބު ވިދާޅުވެފައި ވާއިރު، ހުރިހާ ރަށްތަކެއްވެސް ދިނީ ބިޑުކޮށްގެން ކަމަށާއި، ނަމަވެސް 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ޓޫރިޒަމަށް ރަށްތަށް ދޫކުރީ އެމްއެމްޕީއާރުސީގެ މަޤުޞަދު ބަދަލުކޮށްގެންކަމާއި، އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވީ އެމްއެމްޕީއާރުސީ މެދުވެރިކޯށް ރަށްތައް ދިނުންކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ދެ އަހަރު ޓޫރިޒަމަށް ހުރިހާ ރަށްތަކެއް ދޫކުރީވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިގެންކަމަށް އަދީބު ވަނީ ވިދާޅުވެފައިވެއެވެ