ޚަބަރު

މާވަށު ބަނދަރުގެ މަސައްކަތް 2 މަސްދުވަހުގެތެރޭގައި ނިމޭނެ


ލ.މާވަށު ބަނދަރު ތަރައްޤީކުރުމުގެ ހުރިހާ މަސައްކަތެއް ކުރިއަށްއޮތް 2 މަސްދުވަހުގެތެރޭގައި ނިމޭނެކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވި މިހާރު ކުރިއަށްދަނީ ބަނދަރު ތަރައްޤީކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. އެގޮތުން ބަނދަރުގެ ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓްވެސް މިހާރުވަނީ އެރަށަށް ގެންގޮސްފައެވެ.

ލ.މާވަށުގައި މުޅިން އަލަށް ތަރައްޤީކުރާ މި ބަނދަރަކީ 110 މީޓަރުގެ ބަނދަރެކެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ރަށުގެ ރައްޔިތުން މިހާރުވަނީ ބަނދަރު ބޭނުންވެސް ކުރަން ފަށާފައެވެ.

ބަނދަރުގެ މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށިލުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ. މިބަނދަރުގައި ބޮޑުހިލައިގެ 284 މީޓަރުގެ ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި 40 މިޓަރު ސަރަޙައްދުގައި ރިވެޓްމަންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މާވަށު ބަނދަރަކީ ޒާމާނީ ފެންވަރަށް ތަރައްޤީކުރާ ބަނދަރެކެވެ. އެގޮތުން އެރަށު ބަނދަރުގައި 550 މީޓަރުގެ ޕޭވްމަންޓްހެދުންވެސް ހިމަނާފައި ވެއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 27.3 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިއަހަރުގެ އޭޕްރިލް މަހުއެވެ. އެކުންފުނިން ވިދާޅުވީ ކުރިއަށް އޮތް ދެމަސްދުވަހުގެތެރޭ ބަނދަރުގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށެވެ.