ޚަބަރު

ވަޒީރަކަށް ކޯވިޑް-19 ޖެހުމުން މެލޭޝިޔާގެ ބޮޑުވަޒީރު އެކަހެރިވެވަޑައިގެންފި


މެލޭޝިޔާގެ ވަޒީރަކަށް ކޯވިޑް-19 ޖެހުމުން އެ ޤައުމުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން އެކަހެރިވެވަޑައިގެންފިއެވެ.

2018ވަނަ އަހަރުގެ ތެރޭގައި ޕެންކްރިއޭޓިކް ކެންސަރަށް ފަރުވާ ހޯއްދަވާފައިވާ ބޮޑުވަޒީރު މުޙްޔިއްދީން ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހު ކޯވިޑް-19އަށް ތަޙުލީލުކުރިއިރު އޭނާގެ ހަށިގަނޑުގައި ވައިރަހުގެ އަސަރެއް ނެތްކަމަށްވަނީ ދައްކާފައެވެ. މެލޭޝިޔާގެ ދީނީ ކަންކަމާގުޅޭ ވަޒީރު ޒުލްކިފްލި މުޙައްމަދު އަލްބަކްރީއަށް ކޯވިޑް-19 ޖެހިފައިވާކަން އެނގުނީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގައެވެ. އޭގެ ދެ ދުވަސްކުރިން ބޮޑުވަޒީރު މުޙްޔިއްދީން ޔާސީންވަނީ ވަޒީރާއެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެހެންކަމުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރައްވާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ގޭގައި ހުންނަވައިގެން މަސައްތްކުރައްވަމުން ގެންދަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތޮގައި އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ ޙާލަތާގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ބޮޑުވަޒީރާއި ދީނީ ކަންކަމާގުޅޭ ވަޒީރުގެ އިތުރުން ސަލާމަތީ ވަޒީރާއި ޞިއްޙަތާބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން ސަލާމަތީ އަދި ދިފާޢީ ބާރުތަކުގެ އެންމެ އިސްވެރިންވަނީ ބައިވެރިވަޑައިގެންފައެވެ. މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ބަލި ޖެހިފައިވޭތޯ ބެލުމަށް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ތަހުލީލުކުރާނެކަމަށެވެ.

މެލޭޝިޔާގައި މިހާތަނަށް 12،813 މީހުންނަށް ކޯވިޑް-19ޖެހި 137 މީހުންވަނީ މަރުވެފައެވެ. މެލޭޝިޔާގައި ބަލި ފެތުރޭ މިންވަރު ދަށަށް ދިޔުމަށްފަހު މިދިޔަ މަހުގައި އެ ޤައުމުގެ ސަބާހު ސްޓޭޓުގައި ބޭއްވި އިންތިޚާބަށްފަހު ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރިގެ ތެރޭގައި 432 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.

އުމުރުން 73 އަހަރުގެ ބޮޑުވަޒީރު މުޙްޔިއްދީނާއި ވަޒީރު ޒުލްކިފްލުގެ އިތުރުން އެހެން ވަޒީރުންވެސްވަނީ އިންތިޚާބަށް ކެންޕެއިނުކުރެއްވުމަށް ސަބާހަށް ދަތުރުކުރައްވާފައެވެ. އެ ދަތުރަށްފަހު އެބޭފުޅުން އެކަހެރިވެވަޑައިގެންފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް ރައްދުވެފައެވެ. އޭގެ ފަހުންވެސް ގިނަ ޢަދަދެއްގެ ޢާންމު ރަސްމިއްޔާތުތަކަށް އެ ބޭފުޅުންވަނީ ހާޒިރުވެވަޑައިގެންފައެވެ. ސަރުކާރުގެ އިސް ފަރާތްތަކުގެ އިތުރުން ސަބާހަށް ދަތުރުކޮށްފައިވާ މީހުންގެ ތެރެއިން ބަލި ޖެހިފައިވާ މީހުން ފިޔަވައި އެހެން މީހުން އެކަހެރިވާން ނުޖެހޭނެކަމަށް ސަރުކާރުން ނިންމުމުންވެސް ސަރުކާރަށްވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނާއި އިނގިރޭސިވިލާތުގެ ވަލީއަޙުދު ޗާލްސާއި ރަޝިޔާގެ ބޮޑުވަޒީރު މިޚައިލު މިޝުސްޓިނާއި މޮނާކޯގެ ޕްރިންސް އެލްބަޓާއި ބުރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯއާއި ބޮލީވިޔާގެ ރައީސް ޖެނީން އަންޔޭޒުގެ އިތުރުން ހޮންޑޫރަސްގެ ރައީސް ހުއާން އޮރުލަންދޯ ހަރުނަންދޭސްއަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި އިންޑިޔާގެ ނައިބު ރައީސް ވެންކަޔާ ނައިޑޫއަށްވެސްވަނީ ބަލިޖެހިފައެވެ.