ޚަބަރު

ސޫރިޔާގައި ސަފީރަކު އަލުން ޤާއިމްކުރި ފުރަތަމަ ޤައުމަށް އޮމާން


2012ވަނަ އަހަރު ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށުނުފަހުން ސޫރިޔާއަށް ސަފީރަކު ޢައްޔަނުކުރި ފުރަތަމަ ޢަރަބި ޤައުމަށް އޮމާންވެއްޖެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ކުރިން ސަރުކާރާ ދެކޮޅަށް ސޫރިޔާގައި ކުރަމުންދިޔަ މުޒާހަރާތަކާ ދެކޮޅަށް އެ ޤައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާފައިވާތީ ގިނަ ޤައުމުތަކަކުންވަނީ ސޫރިޔާގައި ތިބި އެ ޤައުމުތަކުގެ ސަފީރުން އަނބުރާ ގެނެސް ޚާރިޖީ އިދާރާތައް ބަންދުކޮށްފައެވެ. އެ ހަމަނުޖެހުންތައް ފަހުންވަނީ ހަނގުރާމައަކަށް ބަދަލުވެފައެވެ.

އެމެރިކާއާއި ގަލްފުގެ އެހެން ޤައުމުތަކުގެ ފިއްތުންތައް ކުރިމަތިވި ނަމަވެސް ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރާއާއެކު ޚާރިޖީ ގުޅުން ދެމެހެއްޓި އެއް ޤައުމަކީ އޮމާނެވެ. އޮމާންގެ ކުރީގެ ރަސްގެފާނު ސުލްޠާން ޣަބޫސްވަނީ ސަރަޙައްދީ މައްސަލަތަކުގެ ތެރެއަށް ވަދެވަޑައިނުގަތުމަށް ނިންމަވާ އެގޮތަށް ޢަމަލުކުރުންމަތީ ދެމިހުންނަވާފައެވެ. ސޫރިޔާގެ ހަނގުރާމަ ފެށުނު ފަހުންވެސް އެ ޤައުމާއެކު ޚާރިޖީ ގުޅުން ދަމަހައްޓަވަމުން އޭނާ ވިދާޅުވީ ސޫރިޔާގެ މައްސަލައިގައި އޮމާނުން ޢަދާކުރާނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދައުރެއްކަމަށެވެ.

އޮމާންގެ ކުރީގެ ޚާރިޖީ ވަޒީރު ޔޫސުގް ބިން އަލާވީވަނީ ސޫރިޔާގެ ހަމަނުޖެހުންތައް ފެށުނުފަހުން ދެ ފަހަރެއްގެ މަތިން އެ ޤައުމަށް ރަސްމީ ދަތުރުތައް ކުރައްވާފައެވެ. އެގޮތުން 2015ވަނަ އަހަރާއި 2019ވަނަ އަހަރު އޭނާވަނީ ސޫރިޔާއަށް ދަތުރުކުރައްވާފައެވެ. އަދި ސޫރިޔާއަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމާގުޅޭ ގޮތުންނާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ސަރަޙައްދީ ސަލާމަތާގުޅޭގޮތުން އެ ދަތުރުތަކުގައިވަނީ މަޝްވަރާކުރައްވާފައެވެ.

ޝާހީ އަމުރެއްގެ ދަށުން ސޫރިޔާއަށް އޮމާނުން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް ތުރުކީ ބިން މަޙްމޫދު އަލްބުސައިދީ ޢައްޔަނުކޮށްފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ. އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު އޮމާނުން ސޫރިޔާއަށް ކަނޑައެޅި ސަފީރުވަނީ ސޫރިޔާގެ ޚާރިޖީ ވަޒީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ސޫރިޔާގެ ސަރަޙައްދުތަކުގައި ރައީސް ބައްޝާރުގެ ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުގެ ބާރު ގަދަވަމުންދާތީ ޢަރަބި ބައެއް ޤައުމުތަކުންދަނީ ސޫރިޔާއާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ.