ޚަބަރު

ޔުނާން އާއި ރިހުލާގެ ބަންދަށް 7 ދުވަސް ޖަހައިފި


ކުޑަ ފިރިހެންކުއްޖަކާއި މެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ފިލްމީތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާޠިމަތު ރިހުލާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

ވަކި ބައެއްގެ ނަން ހާމަނުކޮށް ފުލުހުން ބުނެފައި ވަނީ، ކުޑަފިރިހެން ކުއްޖަކާއި މެދު ބަދުފު އަޚުލާޤީ އަމަލު ހިންގުމުގެ ކުށުގެ ތުހުމަތަށް އުމުރުން 29 އަހަރުގެ ފިރހެނަކާއި 30 އަހަރުގެ އަންހެނަކު ކޯޓުއަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް، ކޯޓަށް ހާޟިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި އެމީހުން 7 ދުވަހަށް ބަންދު ކުރުމުގެ އަމުރު ކޯޓުން ދީފައިވާކަމުގައި ފުލުހުން ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ ސީދާ ޔުނާންގެ ދެމަފިރިންނާއި ގުޅޭ މައްސަލަ ކަމެއް ފުލުހުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ދެމީހަކުވެގެން ބަދު އަޚުލާޤީ އަމަލު ހިންގިކަމުގެ މައްސަލައެއް ހޮނިހިރު ދުވަހު ފުލުހުންނަށް ހުށައަޅާފައިވާ ކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޔުނާންގެ ދެމަފިރިންގެ މައްޗަށް ކުރެވުނު ތުހުމަތާއި ގުޅިގެން، އެދެމަފިރިން ހައްޔަރުކުރުމަށް ގޮވާލައި އިއްޔެ އެމީހުން ދިރިއުޅޭ ގޭގެ ދޮށުގައި ބަޔަކު މުޒާހަރާވެސް ކުރިއެވެ. އަދި އިރުއޮއްސުނު ވަގުތު ފުލުހުންގެ ކާރެއްގައި އެދެމަފިރިން ގެންދިޔައީ އެމީހުން ފުލުހުންގެ ހިމާޔަތަށް އެދުމުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.