ޚަބަރު

އެތެރެހަށީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަންއުޅުނު ކެންޔާ އަންހެނަކު ހައްޔަރުކޮށްފި


އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަންފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކެންޔާ އަންހެނެއްކަމަށްވާ ޖެޑިޑާ އެންޑުކޫ ކިންގޫ (27އ) އެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއައި ފްލައިޓަކުން އައި މި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، އެތެރެހަށީގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކަސްޓަމްސް އޮފިސަރުންނަށް ޝައްކުރެވިގެން އެ އަންހެން މީހާ ހުއްޓުވައި، އެކްސްރޭ ކުރުމުން ހަށިގަނޑުގެ ތެރޭގައި އެއްޗެހިތަކެއް ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމްސް އިން ފުލުހުންނަށް މައުލޫމާތު ދިނުމާއި ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އެ އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަމަށް ޔަގީންކުރެވުމާ ގުޅިގެން ކަމަށެވެ.

އަދި އެ އަންހެން މީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އޭނާ ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 53 ބުލެޓް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.