ތަޢުލީމު

ފަނަރަ ސަތޭކައަށްވުރެ ގިނަ ދަރިވަރުންނާއިއެކު އޭލެވެލް އިމްތިހާނު ފަށައިފި


1500 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޭ ލެވެލް އިމްތިހާނު ފަށައިފިއެވެ.

އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލް އެޑެކްސެލް އޭލެވް އިމްތިހާނު ރާއްޖޭގެ ސްކޫލްތަކުގައި ފަށާފައިވަނީ ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިފަހަރުގެ އޭލެވް އިމްތިހާނުގައި މާލެ އާއި އަތޮޅުތަކުން ޖުމްލަ 1528 ދަރިވަރަކު ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ސްކޫލްތަކުން 1068 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 460 ދަރިވަރުން ހިމެނޭކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. އޭ ލެވެލް އިމްތިހާނު މިފަހަރު ރާއްޖޭގެ 37 މަރުކަޒެއްގައި ކުރިއަށްދާނެއެވެ.

އޭލެވެލް އިމްތިހާން ފެށުމާގުޅިގެން ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން ވިދާޅުވީ، އޭ ލެވްލް އިމްތިހާނަށް ސެންޓަރުތަކުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިމަހުގެ 1 ވަނަ ދުވަހަށް ނިމި، އެއްވެސް މައްސަލައެއް ނުޖެހި މިއަދު ހެނދުނު 10 ޖެހިއިރު، އިމްތިހާން ކުރިއަށްދާ 37 މަރުކަޒުގައިވެސް އިމްތިހާން ފަށާފައިވާކަމަށެވެ. އަދި ކުރީގެ އިމްތިހާނުތަކާއި ޚިލާފަށް މިފަހަރުގެ އިމްތިހާނަށް ހޯލުތައް ތައްޔާރުކޮށްފައިވާނީވެސް ކޯވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަކަމަށް އިހުސާން ވިދާޅުވިއެވެ.

އެގޮތުން އިމްތިހާން ހަދާ ކޮންމެ ރަށެއްގައި ކަރަންޓީނުގައި ތިބޭ ކުދިންނަށް އިމްތިހާން ހެދޭނެ ވަޞީލަތްތަކާއި އަދި ޕޮޒިޓިވްވާ ކުދިންނަށް އިމްތިހާން ހެދޭނެ ވަޞީލަތްތައް ޤާއިމުކޮށްފައިވާކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައިވެސް އިމްތިޚާން ކުރިއަށްގެންދިއުމަށް ބޭނުންވާނެ ވަޞީލަތްތަކާއި މަޢުލޫމާތު އިންވިޖިލޭޓަރުންނާއި ޓީޗަރުންނަށްވެސް ހިއްސާކޮށްފައިވާނެކަމަށް އިހުސާން ވިދާޅުވިއެވެ.

"މިއަދު 10 ޖެހިއިރު ހުރިހާ ސެންޓަރުތަކެއްގައި އެއްވެސް މައްސަލެއްނެތި އިމްތިހާން ފެށިގެން ކުރިއަށްއެބަދޭ. ކުރިއަށްހުރި އިމްތިހާންތައްވެސް މިއަދު މިފެށުނުހެން ސްމޫތްކޮށް ކުރިއަށްދާނެކަމަށް އުއްމީދު މިކުރަނީ. މާލޭގައިވެސް އިމްތިޚާން ހަދާ ކުދިންގެ ތެރޭގައިވެސް ޕޮޒިޓިވްކޭސްތަކެއް އެބައުޅޭ 3 ކުދިން. އެހެންނަމަވެސް އެކުދިންނަށްވެސް އިމްތިހާން ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން" ޑެޕިއުޓީ މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މިއަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިޚާން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އިމްތިޚާން މަރުކަޒުތައް ހުރި ރަށްރަށުގެ ކައުންސިލްތަކާއި، އެ ރަށްރަށުގެ ޞިއްޙީ ޙިދުމަތްތެރިންގެ އިތުރުން ފުލުހުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިއަހަރުގެ އޭ ލެވެލް އިމްތިހާން ޖުމްލަ 37 ސެންޓަރެއްގައި ކުރިއަށްދާއިރު، އޭގެ ތެރެއިން 4 ސެންޓަރެއް ޤާއިމުކޮށްފައި ވަނީ މާލޭ ސިޓީގައެވެ. މާލޭގެ އިމްތިހާން ހަދާ ސެންޓަރުތަކުގެ ތެރެއިން މިފަހަރު އެންމެ ގިނަ ކުދިން އިމްތިޚާން ހަދާނީ ސީ.އެޗް.އެސް.އީގައެވެ. އެގޮތުން އެސްކޫލުން އެކަނިވެސް 450 ވުރެ ގިނަ ދަރިވަރުން މިފަހަރުގެ އިމްތިހާނުގައި ބައިވެރިވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ގިނަ ސްކޫލްތަކުގައި އޭ އެލެވެލް އިމްތިހާން އޮކްޓޯބަރު 22 ނިމޭނެކަމަށެވެ. އަދި އިމްތިހާނުގައި އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުންގެ ބައެއް މޮޑިއުލްތައް އޮކްޓޯބަރު 28 އާއި ހަމައަށް ކުރިއަށްދާނެކަމަށެވެ.