ޚަބަރު

ދެ ކޮމިޝަނަކަށް މެންބަރުން އައްޔަނުކުރުމަށް ރައީސް ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ކޮމިޓީއަށް


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަންދެއްވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތިން ބޭފުޅުންނަކީ؛

1- މަރިޔަމް މުނާ/މ.ބާރަނާގެ/ ކ.މާލެ
2- އަލްއުސްތާޛް އަހުމަދު ސަމީނު/ ފިނިވާގެ/ އއ.ތޮއްޑޫ
3- އަލްއުސްތާޛާ މަހީރާ މުޙައްމަދު/ ހިޔާވަހި/ ޅ.ހިންނަވަރު

މި ތިން ނަންފުޅަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅުގައި ވަނީ އެމަޤާމަށް ކުރިމަތިލައްވައި ޝަރުތު ހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް ހިމަނުއްވާފައެވެ. މަޖިލީހަށް ރައިސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅުގައި ހިމަނާފައިވާ ނަންފުޅުތަކަށް ރުހުން ހޯ ދުމުގެ މައްސަލަ ދިރާސާކުރުމަށް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވާފައެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިމިވަނީ ކުރިން އެކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު މަގާމުން ވަކިކުރުމަށް ޖުލައި މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހުން ފާސްކުރުމުން އޭނާގެ މަޤާމު ހުސްވުމުންނެވެ.

އެ ކޮމިޝަންގެ މެމްބަރުން މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރާ ކަމަށް ބުނެ އެމައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ފެށްޓެވުމާއެކު އެކޮމިޝަންގެ ތިން މެންބަރަކު ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އިސްތިއުފާ ނުދެއްވުމުން ޒާހިދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރިއެވެ.

މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ނައިވީން އަބްދުﷲގެ އިތުރުން މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ޢައްޔަންކުރެއްވި ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ.ޖިއެނާ، މުއުމިނާ ވަޙީދާއި މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ.

މީގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާފައިވާ ނަންފުޅަކީ ޅ.ނާއިފަރު ނިކަގަސްދޮށުގޭ، ޤާސިމް ޢަބްދުލްކަރީމްއެވެ. އަދި އެމަޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް ރައީސްގެ ސިޓީފުޅުގައި ވަނީ ހިމަނުއްވާފައެވެ. މިމައްސަލަ ދިރާސާކުރުމަށް ފޮނުއްވާފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ.

އެންއައިސީގެ މެންބަރުކަމުގެ މަޤާމެއް ހުސްވެފައިވަނީ އެކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވިި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން އޯގަސްޓް މަހުގެ 10ވަނަ ދުވަހު އޭނާ އެމަޤާމުން ވަކިކުރުމުންނެވެ.