ޚަބަރު

ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިންގ ރޭންޖުގައި ކުރިއަށްގެންދާ ތަމްރީންތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި


ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ބަޑިޖެހުމުގެ ތަމްރީން ހަރަކާތް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

ކަޅުތުއްކަލާކޮށި، "ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިންގ ރޭންޖު" ގައި މިއަދު ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކަކީ ސިފައިންގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތުގެ ބައެކެވެ. މިހަރަކާތް މިއަދު ބާއްވާފައިވަނީ މެންދުރުފަހު 14:30އިން 15:30އަށް ކަޅުތުއްކަލާ ކޮށީގައެވެ.

މިއަދު ކުރިއަށްގެންދިޔަ ހަރަކާތް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްވަނީ ބައްލަވާލައްވާފައެވެ. އަދި މި ހަރަކާތުގައި ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.