ތަޢުލީމު

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް "އާކް"އިން 300 މާސްކު ހަދިޔާކޮށްފި


ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށާއި އެ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުންނަށް ބޭނުންކުރުމަށްޓަކާ އާކްއިން 300 މާސްކް އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިިލްރަން، އާކްގެ ފަރާތުން މި 300 މާސްކް ހަދިޔާކޮށްދެއްވީ އެޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރު މުރުތަޞާ މޫސާއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީއެވެ.

އާކްއިން އެޑިއުކޭޝަން މިނިސްޓްރީއަށް ހަދިޔާކުރި މި މާސްކްތައް ތައްޔާރުކޮށްފައިވަނީ ދެފުއްފެންނަ ނުވަތަ ޓްރާންސްޕޭރަންޓް ކަވަރަކާއެކު ކޮޓަންފޮތީގެ ތިންފަށަލަ ހިމެނޭގޮތަށް، އެކި އުމުރުފުރާއަށް ހެޔޮވަރު ސައިޒުތަކަށް ބޭނުންކުރެވޭގޮތަށް "އެޖަސްޓަބަލް ސްޓްރެޕް" އެއް ހިމަނާފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖަންސީ، އެޗް.ޕީ.އޭއިން ފާސްކޮށްފައިވާ މި މާސްކްގެ ޒަރިއްޔާއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާންމު ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ކޮންމެސް ވަރެއްގެ ލުއިތަކެއް ލިބި، މިފަދަ ދުވަސްވަރެއްގައި އެކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި އެހީތެރިވެދޭނެކަމަށް އާކްއިން ބުނެއެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން އެހެން ފަރާތްތަކާ މުޢާމަލާތްކުރުމަށްޓަކައި މޫނާއި ތުންފަތުގެ ހަރަކާތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން ކޯވިޑް-19 އާ ގުޅިގެން އެ ކުދިންނަށް އިތުރު ހުރަސްތަކާ ކުރިމަތިވަމުންދާކަން އާކްއިން ފާހަގަކޮށްފައިވެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިންގެ ތަޢުލީމާއި އިޖްތިމާއި ގުޅުންތަކަށް ނޭދެވޭ އަސަރުކޮށް، އެކުދިން މުޖުތަމަޢުގައި އިތުރަށް އެކަހެރިވުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި، އެކުދިންގެ ޓީޗަރުންނަށް މި މާސްކްތައް ރައްދުކޮށްދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ދެއްވި އެހީތެރިކަމަށް އާކްއިން ޝުކުރު އަދާކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އެ ޖަމިއްޔާއިން ވަނީ ދީފައެވެ.