ޚަބަރު

މަސްތުވާތަކެތި އެތެރެކުރުން މަދުކުރެވެނީ އެކަންކުރާ މީހުންނަށް ސިޔާސީ ހިމާޔާތް ނުދޭތީ: ހޯމް މިނިސްޓަރ


މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މިސަރުކާރުން ސިޔާސީ ހިމާޔާތް ނުދޭތީ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާއި ގުޅިގެން މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސަރުކާރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި އެތެރެކުރަން މަސައްކަތް ކުރާ މީހުންނަށް ހިމާޔަތް ނުދޭނެ ކަމަށެވެ. އެފަދަ ފަރާތްތަކާއި މެދު ޤާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް މިސަރުކާރުން އަޅާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާ ތަކެތި ފުލުހުން އަތުލައިގަނެފައި ވަނީ ފުލުހުންނަށް ލިބިފައިވާ ހުނަރާއި، ފަންނުގެ ބޭނުންކޮށްގެން ކަމަށެވެ. އަދި މި އޮޕަރޭޝަނުންވެސް ފުލުހުންގެ ޤާބިލްކަން ހާމަވެގެން ގޮސްފައިވާކަމަށެވެ.

"މަސްތުވާތަކެތީގެ ސަޕްލައި މަދު ކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މިސަރުކާރުން ސިޔާސީ ހިމާޔާތް ނުދޭތީ. 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ ޚާއްސަކޮށް "DED" ގެ ހުނަރާއި ޤާބިލްކަން ބޭނުންކޮށްގެން" މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް އާއި ސައުތު ޑިވިޝަން ގުޅިގެން އައްޑޫސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، މި އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ޑްރަގް އަތުލައި ގަނެފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ މަސައްކަތާއި، ދިވެހީންގެ އިންޓެލިޖެންސަށް ބިނާކޮށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި، މެރީން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން މަސައްކަތް ކޮށްފައިވާކަން ސީޕީ ހަމީދުގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި މަސްތުވާތަކެތި އުފުލި ޑިންޑީއެއް ހުއްޓުވުމަށް ފުުލުހުން މަސައްކަތް ކުރުމުން އޭގައި ތިބި މީހުންވަނީ އެ ތަކެތި އަޅާފައި ހުރި ގޯނިތައް ކަނޑަށް އުކާލާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެތަކެތި ކަނޑުތެރެއިން ހޮވައި ނަގާފައެވެ.