ކުޅިވަރު

އައު ކުޅުންތެރިންނާއެކު ތަފާތު ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތް: ނޫނޯ


މި ސީޒަނުގައި ވެސް ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ތަފާތު ދެއްކޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ވުލްވްސްގެ ކޯޗު ނޫނޯ އެސްޕަރީޓޯ ސަންޓޯ ބުނެފިއެވެ.

ލީގުގައި ފުލަމްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ނޫނޯ ބުނީ މެޗަށް ނުކުންނައިރު އަނިޔާގެ ކުދި ކުދި މައްސަލަތައް ފިޔަވާ އިތުރަށް ހާސްވާވަރުގެ ކަމެއް ނެތްކަމަށެވެ. ނޫނޯ ބުނީ ވުލްވްސްގައި ކުރަމުންދަނީ ޓީމެއް ބިނާކުރުމުގެ މަސައްކަތް ކަމަށާއި ވުލްވްސް އެނބުރި އެޓީމުގެ އަސްލު ކުޅުމަށް އަންނާނެކަމަށެވެ. އޭނާ ބުނީ ސީޒަންގެ ފުރަތަމަ ކޮޅުގައި ޓީމާ ދުރުގައި ގިނަ ދުވަސްތަކެއްގައި ކުޅުންތެރިން ހޭދަކުރުމުން މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެކަންކަން ހައްލުކުރަމަށް އެކުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭކަމަށެވެ.

ވުލްވްސްގެ ޕޯޗުގަލް ކޯޗު ބުނީ މިއަށްވުރެ ރަނގަޅަށް ސީޒަނުގައި ވުލްވްސްއަށް ކުޅެވޭނެކަމަށާއި އަދި ވުލްވްސްގެ ވަރުގަދަ ކުޅުން ފެނިގެންދާނެކަމަށެވެ. ނޫނޯ ބުނީ ކުލަބުން މި ވަގުތު ދަނީ އާ ކަންތައްތަކެއް ދަސްކުރަމުން ކަމަށާއި އާ ކުޅުންތެރިންނާއެކު ކޮންމެވެސް ކަހަލަ ބަދަލުތަކެއް ޓީމަށް ގެނެވޭތޯ އޭނާ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮންމެ ނަތީޖާއެއް ނުކުތަސް އޭނާގެ މައްސަލައެއް ނެތްކަމަށާއި ނަތީޖާ މުހިންމު ނޫންކަމަށް ނޫނޯ ބުންޏެވެ.

މިދިޔަ ސީޒަންގައި ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ކޯޗު ބުނީ އޭނާގެ މިސްރާބު ހުރީ ކުލަބުގެ ފެންވަރުން ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދުންކަމަށެވެ. ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ތަފާތު ދެއްކޭނެކަމަށް އުންމީދު ކުރާ ކަމަށްވެސް މިދިޔަ ސީޒަންގައި ލީގުގެ ހަވަނާގައި ނިންމާލި ކޯޗު ބުންޏެވެ. ލީގުގައި މި ސީޒަނުގައި ވުލްވްސް ތިން މެޗު ކުޅުނު އިރު އެޓީމު މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ.