ކުޅިވަރު

މިއީ މޮޅަށް ކުޅެގެން ލިބުނު މޮޅެއް: އަންޗެލޮޓީ


އިނގިރޭސި ލީގުގައި ބްރައިޓަންއާ ވާދަކޮށް ހޯދުނު މޮޅަކީ މޮޅަށް ކުޅެގެން ލިބުނު މޮޅެއްކަމަށް އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ އޭނާގެ ޓީމަށް އެއްވަރަށް ބްރައިޓަނުންވެސް މެޗުގައި މޮޅަށް ކުޅުނު ކަމަށެވެ. މެޗުގައި ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅުނުކަން އެވަޓަންގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނީ މެޗުގައި ޓީމުގެ ފަހަތުން ގޯސްތަކެއް ހެދި ނަމަވެސް އެވަޓަންއިން ކައުންޓް އެޓޭކްތަކުގައި ތަފާތު ދެއްކި ކަމަށެވެ.

މެޗުގައި ދެ ލަނޑު ޖެހި ހަމޭސް ރޮޑްރިގޭޒްއާ ގުޅޭގޮތުން އަންޗެލޮޓީ ބުނީ ކޮލިޓީ ރަނގަޅު ކުޅުންތެރިން ޓީމާ ގުޅުމަށްފަހު ޓީމަށް ހޭނެން މާ ގިނަ ވަގުތު ނުނަގާނެކަމަށެވެ. ސީޒަންގައި މިހާތަނަށް ނުވަ ލަނޑު އެވަޓަންއަށް ޖަހައިދިން ފޯވާޑް ކްލައިވެޓް ލެވިންނާ ގުޅޭ ގޮތުން އަންޗެލޮޓީ ބުނީ ކުޅުންތެރިޔާ ކުޅެމުންދަނީ ވަރަށް ކޮންފިޑެންސާ އެކު ކަމަށާއި ފޯވާޑަކު އެންމެ ބޮޑަށް ބޭނުންވާ ކަންތައް އޭނާ ފުރިހަމަކޮށްދޭ ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް އެވަޓަން އޮތީ 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ.