ކުޅިވަރު

އަހަރެން މި ލެވެލަށް ގެނައީ ކޮންޓޭ: ލުކާކޫ


އޭނާ އެހެން ލެވެލަކަށްދާން އެންމެ ބޮޑަށް އެހީތެރިވެދިނީ މިހާރު އިންޓަ މިލާނުގެ ކޯޗު އެންޓޯނިޔޯ ކޮންޓޭ ކަމަށް އިންޓަ މިލާނުގެ ފޯވާޑު ރޮމަލޫ ލުކާކޫ ބުނެފިއެވެ.

ލުކާކޫ ބުނީ އެއް އަހަރު ކުރިން އިނގިރޭސިވިލާތުގައި އޭނާ ހޭދަކުރީ އެހާ ފަސޭހަ ދުވަސްތަކެއް ނޫންކަމަށާއި މިހާރުގެ ސްޓައިލަށް ވުރެ އޭނާ މާ ސްލޯކަމަށް އެންމެ ފަހުން ކުޅުނު މެންޗެސްޓަރ ޔުނައިޓެޑުން ބުނި ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަނަކީ އޭނާގެ ކުރީގެ ފެންވަރާ ކައިރިކުރެވޭ ވަރަށް ކުޅެވުނު ސީޒަނެއްކަމަށެވެ. އޭނާ އެފެންވަރަށް ގެނައުމުގައި ޓީމުގެ ކޯޗު ކޮންޓޭގެ ހިއްސާ ބޮޑުކަމަށްވެސް ލުކަކޫ ބުންޏެވެ.

މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް ބަދުލުވުމުގެ ކުރިން ލުކާކޫ ގެންދަން ވާދަވެރި ޔުވެންޓަސްއިން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އިޓަލީއަށް ބަދަލުވެ އެންމެ އުނދަގޫވީ ބަސްދަސްކުރަން ކަމަށް ލުކާކޫ ބުންޏެވެ. މެޗުތަކުގައި ހެދޭ ގޯސްތައް ބަލާ ރަނގަޅު ކުރަންވީ ކަންކަން ވަރަށް ސާފުކޮށް ކިޔާދޭކަމަށް ކުރިން ޗެލްސީ އާއި އެވަޓަން ވެސް ކުޅުނު ލުކާކޫ ބުންޏެވެ.

ލުކާކޫ ބުނީ އޭނާގެ އެހީތެރިކާމާއެކު ޓީމު މޮޅުވަމީ އެއީ އެންމެ ބޮޑު އަމާޒުކަމަށެވެ. މިހާރު އުމުރުން 27 އަހަރު ފޯވާޑް ވަނީ މި ސީޒަނުގައި އިންޓަ މިލާނަށް ކުޅުނު ދެ މެޗުގައި ތިން ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަނުގައި އޭނަ ވަނީ ޔުރޮޕާ ލީގުގެ ފައިނަލަށް އިންޓަރ މިލާން ގެންގޮސްދީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މިދިޔަ ސީޒަންގައި ލުކާކޫ ވާނީ އިންޓަރ މިލާނަށް ކުޅުނު 51 މެޗުގައި 34 ލަނޑު ޖަހާފައެވެ.