ކުޅިވަރު

ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާތީ ޓުޗެލް ހިތްހަމަނުޖެހިއްޖެ


ޕީއެސްޖީއަށް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފާތީ ހިތްހަމަ ނުޖެހޭކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އެންމެފަހުން ލީގުގައި 6-1 އިން މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ޓުޗެލް ބުނީ އޭނާ ބޭނުންވަނީ ލީގުގެ މެޗުތަކުގައި ޕީއެސްޖީގެ ކުޅުންތެރިން ފަރާތުން ގިނަ ލަނޑުތަކެއް ޖަހަންކަމަށާއި މެޗުތަކުގައި އެވަރަށް ފުރުސަތު ތަނަވަސްވެ ބޭނުން ނުހިފޭތީ ހިތްހަމަނުޖެހޭކަމަށެވެ. އޭނާ ބުނީ ބައެއް މެޗުތަކުގައި ގިނަ ލަނޑު ޖަހަން އުނދަގޫވެދާނެ ކަމަށާއި އެހެންނަމަވެސް މެޗުތަކުގައި ލިބޭ ފުރުސަތުވެސް ކުޅުންތެރިން ނަގާލާކަމަށެވެ. ލިބޭ ފުރުސަތަތަކުގެ ބޭނުން ނުހިފާކަމަށް ވާނަމަ އިދިކޮޅުން ނުކުންނަ ޓީމުތަކުން ކައުންޓަރ އެޓޭކްގައި ނުރައްކާ ކުރާނެ ކަމަށް ޓުޗެލް ބުންޏެވެ.

ޕީއެސްޖީގެ ކޯޗު ބުނީ މާދާމާ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޓީމު ވަރުގަދަކުރަމަށްޓަކައި އިތުރު ކުޅުންތެރިން ބޭނުންވާކަމަށެވެ. އެޑިސަން ކަވާނީ، ތިއޯގާ ސިލްވާއާއި ތޯމަސް މިއުނިއާ ޓީމު ދޫކޮށްދިޔައިރު އެޓީމުން ޓްރާންސްފާ މާކެޓުގައި މިހާތަނަށް ގެނެސްފައިވަނީ އެންމެ ކުޅުންތެރިޔެކެއެވެ. ލީގުގައި އެންމެ ފަހުން ހޯދި މޮޅާއެކު ޕީއެސްޖީ އޮތީ ތާވަލުގެ ތިންވަނައިގައެވެ.