ކުޅިވަރު

ޝާލްކާ ބަލިކޮށް ލީޕްޒިގް ތާވަލްގެ އެއްވަނައަށް


ޖަރުމަނު ބުންޑެސް ލީގުގައި ޝާލްކާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އާރްބީ ލީޕްޒިގް ޖެހިލައިފައެވެ.

ލީޕްޒިގްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑަކީ ޝާލްކޭގެ ކޭން ބޯޒޯގަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އަނެއް ތިން ލަނޑު ލީޕްޒިގަށް ކާމިޔާބުކޮށްދިނީ އަންގެލީނޯ ، ވިލީ އޯބަން، މާޝެލް ހެލްސްޓެން ބާގްއެވެ. މިހާތަނަށްއައިރު ލީގުގައި ލީޕްޒިގް ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ. އަދި މި ސީޒަންގައި ޝާލްކޭއަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

ލީގުގައި ހަމަ މިނަތީޖާއިން ރޭ ބޮރޫޝިޔާ ޑޯޓްމަންޑުން ވަނީ ފްރެއިބާގް ބަލިކޮށްފައެވެ. ޑޯޓްމަންޑް ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެގާރަ ހާސް ފައްސަތޭކަ މީހުން ކުޅިބަލަން ވަތް މެޗުގައި ޑޯޓްމަންޑްގެ އާލިން ހާލަންޑް ވަނީ ދެ ލަނޑު ޖަހާފައެވެ. މިއީ މިހާތަނަށް ޑޯޓްމަންޑަށް ލީގުގައި އެނާ ކުޅެދިން 18 މެޗުގެ ތެރެއިން ކާމިޔާބުކޮށްދިން 17 ވަނަ ލަނޑެއެވެ. އަނެއް ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްރީ ކޭން އާއި ފެލިކްސް ޕާސްލެކެވެ. ލީގުގައި އެންމެ ފަހުން އޮގްސްބާގް އަތުން ބަލިވި ޑޯޓްމަންޑް ވަނީ މިދިޔަ ހަފްތާގައި ޖަރުމަނު ސުޕަ ކަޕުގައި ބާޔާން މިއުނިކް އަތުން ވެސް ބަލިވެފައެވެ. މިއީ މި ސީޒަނުގެ ލީގުގައި ޑޯޓްމަންޑް މޮޅުވި ދެވަނަ މެޗެވެ.

ރޭ މެޗަށް ނުކުތްއިރު ތާވަލުގެ އެއްވަނައިގަ އޮތް ހޮފެންހައިމް އަށް ވަނީ އެންޓްރެޗް ފްރެންކްފާޓް އަތުން ބަލިވެ މަގާމް ދިފާއު ކުރެވޭ ގޮތް ނުވެފައެވެ. ފްރޭންކްފާޓް މެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްޓުރްޓްގާޓް އާއި ބަޔާ ލެވަކޫސަން ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބުރޫޝިޔާ މޮންހަލްބަޗް ވަނީ އެފްސީ ކުލޯންގެ މައްޗަށް 3-1 އިން ކުރި ހޯދާފައެވެ. ރޭގެ ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނަ އަދި ދެވަނައަށް ވެސް ލިބެނީ ހަތް ޕޮއިންޓެއެވެ. ލަނޑުގެ ތަފާތުން ލީޕްޒިގް އެއްވަނައިގަ އޮތްއިރު ދެވަނައިގަ އޮތީ ފްރެންކްފާޓްއެވެ. ރޭ ހޯދި މޮޅަށްފަހު ޑޯޓްމަންޑް ވެސް ވަނީ ލީގުގެ ތިންވަނައަށް ޖެހިލާފައެވެ.