ދުނިޔެ

ފަރަންސޭސިވިލާތާއި އިޓަލީވިލާތުގައި ފެންބޮޑުވުމުގެ ބޮޑެތި ހާދިޘާތަކެއް


ބާރުގަދަ ތޫފާނެއްގެ ސަބަބުން ބޯކޮށް ވާރޭވެހި ވައިގަދަވެ ފަރަންސޭސިވިލާތާއި އިޓަލީވިލާތުގައި ފެންބޮޑުވުމުގެ ބޮޑެތި ހާދިޘާތަކެއް ހިނގައިފިއެވެ. އެލެކްސްގެ ނަމުން ނަންދީފައިވާ ތޫފާނުގު ސަބަބުން ދެ ޤައުމުން މިހާތަނަށް ދެ މީހުން މަރުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 25 ހުން މައްޗަށް އަރާފައެވެ.

ފަރަންސޭސިވިލާތުގެ ދެކުނުގެ ސިޓީއެއްކަމަށްވާ ނީސްގެ ގިނަ ޢަދަދެއްގެ އަވަށްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުން ބުންޏެވެ. ނީސްގެ އުތުރުގައި އޮންނަ ގިނަ ޢަދަދެއްގެ އަވަށްތަކަށް ދަތުރުކުރާ މަގުތައްވަނީ ބަންދުވެފައެވެ. ނީސްގެ މޭޔަރު ވިދާޅުވީ އެއީ ފަހުގެ ތާރީޚެއްގައި އެ ސަރަޙައްދަށް ދިމާވި ފެންބޮޑުވުމުގެ އެންމެ ބޮޑު ހާދިޘާކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދުތަކުގެ މަގުތަކާއި ފާލަންތައްވަނީ ހަލާކުވެފައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ކޯރުތަކުގެ ފެންގަނޑު އުފުލި ވަނީ ބަންޑުންވެފައެވެ. ތޫފާނުގެ ސަބަބުން އިޓަލީވިލާތުގެ ޕީޑްމޮންޓު ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ލިބި އެ ސަރަޙައްދުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އޭގެ އިތުރުން އެއޮސްޓާ ވެލީއާއި ލަމްބާޑީއާއި ލިގޫރިއާއަށްވެސް ވަނީ ތޫފާނުގެ އަސަރުކޮށްފައެވެ. މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ޢަދަދެއްގެ މީހުންދަނީ ހަރަކާތްތެރިވަމުންނެވެ. ފަރަންސޭސިވިލާތުގެ މޫސުމާބެހޭ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 450 މިލިމީޓަރުގެ ވާރޭ ބައެއް ސަރަޙައްދުތަކުގައި ވެހިފައިވާކަމަށެވެ. އެއީ އަހަރުގެ މިހާތަނުގައި އާންމުކޮށް ހަތަރުމަސް ދުވަހުން ވާރޭ ވެހޭ މިންވަރެވެ.